ހަފުތާ ބަންދަށް ހާއްސަކޮށްގެން ހުޅުމާލޭގައި އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފި
ހަފުތާ ބަންދަށް ހާއްސަކޮށްގެން ހުޅުމާލޭގައި އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
މިމަހުގެ 13 އިން 14އަށް ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނަކީ އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް، ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ދުއްވާ އުޅަނދުތައް ހުއްޓުވުމަށާއި، މަސްތުވާތަކެތީގެ މައްސަލަތައް ހުއްޓުވުމަށާއި، ހުޅުމާލެއަކީ އެންމެނަށް ވެސް އަމާން ރައްކާތެރި ތަނަކަށް ހެދުމަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ.
މި އޮޕަރޭޝަންގައި، 299 އުޅަނދު ބަލައިފާސްކޮށްފައި ވެއެވެ. އަދި އޭގެ ތެރެއިން އެއްގަމު އުޅަނދު ދުއްވުމުގެ ގާނޫނާއި ގަވާއިދުތަކާ ހިލާފަށް އުޅަނދު ދުއްވި 43 މީހަކަށް ނަސޭހަތްތެރިވެފައިވާއިރު ތިން މީހަކު ޖޫރިމަނާކޮށްފައި ވެއެވެ. އަދި ގަވާއިދާ ހިލާފުވި ދެ އުޅަނދެއް ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައި ވެއެވެ.
މީގެ އިތުރުން، ހުޅުމާލޭގައި ރާވައިގެން ހިންގާ ނުރައްކާތެރި ކުށްތައް ހުއްޓުވުމަށްޓަކައި، މަސްތުވާތަކެއްޗާ ގުޅުންހުރި ކަމަށް ތުހުމަތުކުރެވޭ 27 ތަނަކާއި ގުރޫޕުތައް އެއްވެއުޅޭ 25 ތަނެއް ބަލައިފާސްކޮށް އަދި 25 މީހަކު ހުއްޓުވައި ސުވާލުކޮށްފައިވެއެވެ.
