logo
banner image

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ހުޅުމާލެ ފުލުހުން ކުރިއަށް ގެންދިޔަ ހަރަކާތްތައް ކާމިޔާބުކަމާއެކު ނިންމާލައިފި

މިއަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ހުޅުމާލެ ޕޮލިހުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ހަރަކާތްތައް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހުޅުމާލެ ޕޮލިހުން ވަނީ މައިގަނޑު ތިން ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. އެއީ ނަސްރުގެ ދުވަހު ހަވީރު ސެންޓްރަލް ޕާކު ކައިރީގައި ބޭއްވި "ޝަހީދުންގެ ޝަރަފުގައި ދިދަ ވިހުރުވައިލުން" ހަރަކާތާއި 1988 ނޮވެންބަރު 3ގައި ހިނގައިދިޔަ ކަންކަން ކިޔައިދޭ ގޮތަށް ކުރެހުމުންނާއި މޮނިޔުމެންޓްތަކުން ތައްޔާރުކޮށްފައިވާ "ނަސްރުގެ ފަސާނާ" މާލަމާއި "ނަސްރުގެ ރަމްޒު" ނަމުގައި މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިޔަށް ގެންދިޔަ ކުރެހުމުގެ މުބާރާތެކެވެ.

މި ހަރަކާތްތައް ނިންމުމުގެ ގޮތުންނާއި "ނަސްރުގެ ރަމްޒު" ނަމުގައި މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިޔަށް ގެންދިޔަ ކުރެހުމުގެ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް މި މަހު 10 ވަނަ ދުވަހު ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ އެސިސްޓެންޓް ޕްރޮފެސަރ ޑރ. ޢަލީ ޝަމީމެވެ. މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި ފުލުހުންގެ ސީނިއަރ ބައެއް އޮފިސަރުންނާއި މުބާރާތުގެ ހުރިހާ ބައިވެރިންނާއި އެ ކުދިންގެ ބެލެނިވެރިންގެ އިތުރުން ހުޅުމާލޭގައި މަސައްކަތްކުރާ ފުލުހުން ބައިވެރިވެފައިވެއެވެ.

ދެ އުމުރު ފުރަޔަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގައި ދެ އުމުރު ފުރައިންވެސް އެންމެ މޮޅު ފަސް ކުރެހުން ހޮވައި އިނާމާއި ހަނދާނީ ލިޔުމާއި ޓްރޮފީ ދީފައިވެއެވެ.

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ކުރިއަށް ގެންދިޔަ މި ހަރަކާތްތަކަކީ ނަސްރުގެ ދުވަހު ތިބި މީހުންގެ ފަރާތުން މިހާރުގެ ޖީލަށް އެ ކަންކަން ވާސިލު ކުރުވުމަށް ބާރު އެޅުމާއި ގައުމިއްޔަތު ދިރުވައި އާލާކުރުމަށް މަސައްކަތްކުރުމާއި ދިވެހި ގައުމުގެ ހައްގުގައި ޝަހީދުވީ ބަތަލުންގެ ޒިކުރާ އައުކުރުމުގެ މަގުސަދުގައި ހުޅުމާލެ ޕޮލިހުން އިންތިޒާމުކޮށްގެން ބޭއްވި ހަރަކާތްތަކެކެވެ. މި ހަރަކާތްތަކަށް ބޮޑު ތަރުހީބެއް ލިބިފައިވެއެވެ.