އިހަވަންދޫގައި މަސައްކަތްކުރާ ބިދޭސީން ޤާނޫނާއި ޤަވާއިދަށް އަހުލުވެރިކުރުވުމަށް މައުލޫމާތުދީފި
ހއ. އިހަވަންދޫގައި މަސައްކަތްކުރާ ބިދޭސީން ޤާނޫނާއި ޤަވާއިދަށް އަހުލުވެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވައިފިއެވެ.
މި މަހުގެ 7 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ސެޝަނަކީ އިހަވަންދޫގައި މަސައްކަތް ކުރަމުންދާ ބިދޭސީން އިތުރުވަމުންދިއުމާއެކު ގާނޫނާއި ގަވާއިދާ ހިލާފުވުމުގެ މައްސަލަތައް މަދުކުރުމަށް ހޭލުންތެރިކުރުވުމަށާއި ބިދޭސީ މަސައްކަތްތެރިންނަށް ޤާނޫނުން ލިބިދޭ ހައްގުތައް ބުނެދީ އެ ކަންކަމަށް އަހުލުވެރިކުރުވުމަށް ކުރިއަށް ގެންދިޔަ ސެޝަނެކެވެ. މި ސެޝަންގައި 140 ބިދޭސީންނަށް ބައިވެރިވިއެވެ.
މި ސެޝަންގައި، ފުލުހުންނަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ބިދޭސީންގެ މައްޗަށް ތުހުމަތުކެރޭ ޖިނާއީ ކުށްތަކާއި، އެއްގަމު ދަތުރުފަތުރުކުރުމުގެ ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ބިދޭސީންކުރާ ކުށްތަކާއި އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުގެ ގާނޫނުގައި ހިމެނޭ އަމަލުތަކުގެ ތެރެއިން ބިދޭސީންނާ ގުޅޭގޮތުން އާންމުކޮށް ހުށަހެޅޭ ޝަކުވާތަކާއި އެ ކަންކަން ރަނގަޅުކުރުމަށް މަސައްކަތްކުރުމަށް މައުލޫމާތު ދީފައިވެއެވެ.
އަދި ވަޒީފާއާ ބެހޭ ގާނޫނާއި ބިދޭސީ މަސައްކަތްތެރިންނާ ގުޅޭ ގަވާއިދުގައި ހިމެނޭ މުހިންމު ބައިތައް ކިޔައިދީ، ބިދޭސީންނަށް ލިބިގެންވާ ހައްގުތަކަށް އަލިއަޅުވައި މައުލޫމާތު ދީފައިވެއެވެ.
މީގެ އިތުރުން، ރަށުގައި ދިރިއުޅުމުގައި ގެންގުޅެންޖެހޭ ރިވެތި އަދަބުތަކަށް ކަމޭހިތުމަށާއި، ހާއްސަކޮށް ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަށް ބާރުއަޅައި މައުލޫމާތު ދީފައިވެއެވެ. އަދި މަސައްކަތުގެ މާހައުލުގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށް އަމަލުކުރާނެ ގޮތްތައް ކިޔައިދީފައިވެއެވެ.
އިހަވަންދޫގައި މަސައްކަތްކުރާ ބިދޭސީން ޤާނޫނާއި ޤަވާއިދަށް އަހުލުވެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވާފަވާއިރު ޤަވާއިދާ ޚިލާފަށް 'އޯޕަން ވިޒާ'ގެ ނަމުގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު ދަނީ އިތުރުވަމުންކަން ފާހަގަކޮށް އިމިގްރޭޝަނުން ވަނީ އެމީހުންނަށް ވަޒީފާ ދީފައިވާ ތަނުގެ އިތުރުން އެހެން ތަންތަނުގައި މަސައްކަތްކޮށްގެން އާމްދަނީ ހޯދުމާއި އަމިއްލަ މަސައްކަތްތަކާއި ވިޔަފާރިކޮށްގެން ބޮޑެތި މާލީ މަންފާތައް ބިދޭސީން ހޯދާކަން ފާހަގަވެފައިވާ ކަމަށް ދާދި ފަހުން ވިދާޅުވެފައެވެ.
މި މަސައްކަތްތަކުގެ މަގްސަދަކީ ދިވެހިރާއްޖޭގައި ބިދޭސީ މަސައްކަތްތެރިންނާ ގުޅޭ ކަންކަން ހަރުދަނާކޮށް، ޤާނޫނާ އެއްގޮތަށް އެމީހުންގެ އަމަލުތައް ބައްޓަންކުރުމެވެ. އަދި މިކަމުގެ ސަބަބުން ޤައުމުގެ އިގްތިސާދަށާއި އިޖްތިމާއީ ރައްކާތެރިކަމަށް ކުރިމަތިވާ ގޮންޖެހުންތައް ކުޑަކުރުމެވެ.
އެހެންކަމުން ބިދޭސީ މަސައްކަތްތެރިންނާއި، ވަޒީފާދޭ ފަރާތްތަކުންނާއި، އާންމު ރައްޔިތުން މިކަމުގައި ޒިންމާދާރު ގޮތެއްގައި އަމަލުކުރުމަށް އިމިގްރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.
