logo
banner image

ކޮމިޝަނަރ އޮފް ޕޮލިސް، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރުންނާ ބައްދަލުކުރައްވައިފި

ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ.

ކޮމިޝަނަރގެ އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި، ޑިޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި، ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑު ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު އާއި، ޑެޕިއުޓީ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަޠީހް އަދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ރައީސް ޝުއައިބް އަބްދުއް ރަޙްމާންގެ އިތުރަށް އެ ކޮމިޝަންގެ އެހެނިހެން މެންބަރުން ބައިވެރިވެލެއްވިއެވެ.

މި ބައްދަލުވުމުގައި، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އަލަށް އައްޔަނުކުރެއްވި މެންބަރުންނަށް ކޮމިޝަނަރ ތަހުނިޔާ ދެންނެވިއެވެ.

މި ބައްދަލުވުމުގައި، ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ދެ އިދާރާ ގުޅިގެން ކުރެވޭނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

އަދި ފުލުހުންނާ ގުޅޭގޮތުން، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ތަހުގީގުކުރާ މައްސަލަތަކުގައި ފުލުހުންގެ ފަރާތުންނާއި ކަމާ ގުޅުންހުރި އެހެނިހެން އިދާރާތަކުން ބޭނުންވާ މައުލޫމާތު ހޯދުމަށް ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން، ދެ އިދާރާގައި މައްސަލަތައް ތަހުގީގުކުރާ މުވައްޒަފުންނަށް މައުލޫމާތު ދިނުމަށާއި ތަމްރީނުދިނުމުގެ އިތުރުން ތަހުގީގުކުރުމުގައި ދެ އިދާރާއިން ވެސް ގެންގުޅޭ އުސޫލުތަކަށް އެ މުވައްޒަފުން އަހުލުވެރިކުރުވުމަށް ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކުރެއްވިއެވެ.