ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މައުލޫމާތު ފ. އަތޮޅުގެ ރައްޔިތުންނަށް
ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ރައްޔިތުންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފ. އަތޮޅު ރަށްރަށުގައި ކުރިއަށް ގެންގޮސްފިއެވެ.
މިމަހުގެ 3ވަނަ ދުވަހުން ފެށިގެން މިމަހުގެ 5ވަނަ ދުވަހުގެ ނިޔަލަށް މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ފ. އަތޮޅު ޕޮލިހާއި، މެރިން ޕޮލިހާއި، ފ. އަތޮޅު ކައުންސިލާއި އެ އަތޮޅު ރަށްރަށުގެ ކައުންސިލުތައް ގުޅިގެންނެވެ.
މި ޕްރޮގްރާމުގައި ކަނޑުމަތީގެ ހާދިސާއެއް ދިމާވެއްޖެނަމަ އަމަލުކުރާނެގޮތާއި، މީހަކު ގެނބޭ ހާލަތުގައި އެ މީހާ ސަލާމަތްކުރާނެގޮތާއި އެ އުކުޅުތަކާއި އުޅަނދުގެ ސަލާމަތީ ކަންކަން ހުންނަންޖެހޭނެ މިންގަނޑާއި ހުންނަންވާނެ އާލާތްތަކާއި އުޅަނދަށް އަރާ ފަރާތްތަކުގެ ފަރުދީ ޒިންމާއާއި ކެޕްޓަނުންނާއި ފަޅުވެރިންނާއި އޮޑިވެރިންގެ ޒިންމާތަކަކީ ކޮބާކަމާއި މިނޫންވެސް ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މުހިންމު ކަންކަން ކިޔައިދީ އޮޅުން ފިލުވައިދީފައިވެއެވެ.
ހަމައެއާއެކު ފ. އަތޮޅުގައި މަސައްކަތް ކުރާ ފުލުހުންނަށް ވެސް ސަލާމަތީ ކަންކަން ޗެކްކުރާނެ މިންގަނޑުތަކާއި، ހާދިސާއެއް ދިމާވުމުން އަމަލުކުރާނެ ގޮތްތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.
