logo
banner image

ށ. ބިލެއްފަހީގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާވެސް އަޅައިފި

ށ. ބިލެއްފަހީގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފިއެވެ.

ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ބިލެއްފައްސަށް ކުރެއްވި ދަތުރުފުޅުގައި، އެކަމަށްޓަކާ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަަރޭޝަނާއެވެ.

މި ރަސްމިއްޔާތުގައި އެރަށު ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އާއި، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އަދި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ނަޖާހްގެ އިތުރުން ބިލެއްފަހި ރަށު ކައުންސިލްގެ ރައީސް އަބްދުﷲ ޒިޔާދުއެވެ.

މި ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކޮށް ދިވެހި ފުލުހުންގެ ޚިދުމަތް ގާއިމުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން، މިއަހަރު ތެރޭގައިވެސް މިހާރު ފުލުހުންގެ މަރުކަޒުތައް ނެތް ގިނަ ރަށްރަށުގައި މަރުކަޒުތައް ޤާއިމުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

ފުލުހުންގެ އިމާރާތްތައް ނިމުމުން ކުށުގެ ވެށިން މީހުން ދުރުކުރުމަށް ޚާއްސަ ޕްރޮގުރާމެއް ފެށުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، ގިނަ ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ދެމުންދިޔައީ، ޚިދުމަތް ދެވޭނެ އެކަށީގެންވާ ފެންވަރުގެ ޢިމާރާތެއް ނެތި ކަމަށް ވަޒީރު ވަނީ ދާދި ފަހުން ވިދާޅުވެފައެވެ. އެހެންކަމުން ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ގިނަ ފުލުހުންނަށް ތިބެވޭނެ ގޮތަށް ޒަމާނީ ވަޞީލަތްތައް ހިމެނޭހެން ފުލުހުންގެ އިމާރާތްތައް އެޅުމަކީ ސަރުކާރުގެ ބޮޑު އަމާޒެއް ކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ.

އަލަށް އިމާރާތްކުރާ ފުލުހުންގެ ސްޓޭޝަންތަކުގައި ތަޙުޤީޤުކުރެވޭނެ ގޮތްގޮތާއި އިންޓަލެޖެންސް ސެލްތަކާއި ކަސްޓޯޑިއަލް ސެލްތަކުގެ އިތުރުން ވެހިކަލް ޓޯވިން ފެސިލިޓީއާއި ފުލުހުންގެ ވެހިކަލް މަރާމާތުކުރެވޭނެ ފެސިލިޓީތައް ޤާއިމުކުރެވޭނެއެވެ. އަދި މި ފެސިލިޓީތައް ރަށްރަށުގައި ޤާއިމުކުރެވުމާއެކު ކުށުގެ ވެށި ނައްތާލުމަށާއި ކުށުގެ ވެށީގައި މީހުން ހަރުނުލާނެ ގޮތްގޮތަށް ފުލުހުންގެ މަސައްކަތް ތަރުތީބުކުރުމަށް ޚާއްސަ ޕްރޮގުރާމެއް ފެށުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.