އަމީނިއްޔާ ސްކޫލު މުދައްރިސުންނަށް ސައިބަރ ސޭފްޓީ އަދި ޑިޖިޓަލް ޕޭރެންޓިންގ ސެޝަނެއް ކުރިއަށްގެންގޮސްފި
ރައްކާތެރިގޮތުގައި އިންޓަނެޓް ބޭނުންކުރާނެ ގޮތުގެ މައުލޫމާތު އަމީނިއްޔާ ސްކޫލު މުދައްރިސުންނަށް ދިނުމަށް ސެޝަނެއް ކުރިޔަށް ގެންގޮސްފިއެވެ.
މިމަހުގެ 11ވަނަ ދުވަހު ޓީމް ބިލްޑިންގ އިވެންޓަކާއެކު ކުރިއަށް ގެންދިޔަ މި ސެޝަނަކީ ގަލޮޅު ޕޮލިސްގެ ނެއިބަހުޑް އަދި ސައިބަރ ކްރައިމް ސެންޓަރު ގުޅިގެން ކުރިއަށް ގެންދިޔަ ސެޝަނެކެވެ. މި ސެޝަންގައި އަމީނިއްޔާ ސްކޫލުގެ 182 މުވައްޒަފުން ބައިވެރިވިއެވެ.
މި ސެޝަންގައި މުދައްރިސުންނަކީ، އަމިއްލަ ދަރިންގެ ޒިންމާ ނަގަމުން އަންނަ އަދި ސުކޫލުގައި ވެސް ކުދިންގެ ޒިންމާ ނަގަމުން އަންނަ ބަޔަކަން ވީ ހިނދު ކުދިން އިންޓަނެޓް ބޭނުންކުރާއިރު ބެލެނިވެރިއެއްގެ ހައިސިއްޔަތުން އަދި މުދައްރިސެއްގެ ހައިސިއްޔަތުން ކުދިން އިންޓަނެޓް ބޭނުންކުރާއިރު ސަމާލުކަންދޭންޖެހޭ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.
އަދި އިންޓަނެޓްގެ ޒަރިއްޔާއިން ހިންގަމުންދާ ކުށްތަކާ އަދި ކުދިން ގެންގުޅޭ ފޯނާއި ޓެބްލެޓް ފަދަ ތަކެތި ބެލެނިވެރިން މޮނީޓަކުރުމުގެ މުހިންމުކަން ބުނެދީ އަދި އުމުރާ ނުގުޅޭ ފަދަ މަންޒަރުތައް ކުދިންނަށް ނުފެންނާނޭހެން ބެލެނިވެރިން ކޮންޓްރޯލްކުރާނެ ގޮތްތައް ވެސް ކިޔައިދީފައިވެއެވެ. އަދި ސުކޫލުތެރޭގައި ކުދިންގެ ފަރާތުން ފެންނަ ނޭދެވޭ ކަންކަމާ ގުޅޭގޮތުން ހިޔާލު ބަދަލުކޮށްފައިވެއެވެ. އަދި އެފަދަ ކަންކަން ހައްލުކުރުމަށް މުދައްރިސުންނަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.
މީގެ އިތުރުން، މުދައްރިސުން ވެސް އިންޓަނެޓް ބޭނުންކުރާއިރު ވިސްނަންޖެހޭ ކަންކަމާއި އާންމުކޮށް ބޭނުންކުރާ އެޕްލިކޭޝަންތަކުގައި ހުރި ރަނގަޅު އަދި ނުރަނގަޅު ކަންކަން ބުނެދީ މި އެޕްތައް ރަނގަޅު ގޮތުގައި ބޭނުންކުރާނެ ގޮތްތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ގޮތްނޭނގޭ ލިންކުތަކަށް ނުވަނުމަށާއި ކާކުކަން ނޭނގޭ މީހުންނަށް ތިމާގެ ޒާތީ މައުލޫމާތު ހިއްސާނުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.