ޕަބްލިކް އޯޑަރ ޓްރެއިނިންގ ކޯހުގެ އެއްވަނަ ކޮންސްޓަބަލް އަބްދުﷲ ޒިޔާން އަލީއަށް
49ވަނަ ޕަބްލިކް އޯޑަރ ޓްރެއިނިންގ ކޯސް ނިންމާލައިފިއެވެ.
އދ. މަހިބަދޫގައި މި މަހުގެ 10ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ކޯހުގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ނޯތު ސެންޓްރަލް ޕޮލިސް ކޮމާންޑަރު ޗީފް ސުޕްރންޓެންޑެންޓް އޮފް ޕޮލިސް ފަރީދު އިސްމާއީލްއެވެ.
މި ރަސްމިއްޔާތުގައި، އދ. އަތޮޅު ކޮމާންޑަރު އިންސްޕެކްޓަރ އޮފް ޕޮލިސް ހުސައިން އަޒްމީލް އާއި، ވޯކްފޯސް ޕްލޭނިންގ އެންޑް މެނޭޖްމަންޓުގެ ފަރާތުން ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ސައީދު އަބްދުލްހަކީމް އަދި ކޯހުގެ މުދައްރިބުންނާއި ބައިވެރިންގެ އިތުުރުން އަދ. އަތޮޅު ފުލުހުން ބައިވެރިވެލެއްވިއެވެ.
ސެޕްޓެމްބަރު 6 އިން ފެށިގެން ހަތަރު ހަފުތާގެ މުއްދަތަށް މަހިބަދޫގައި ކުރިއަށް ގެންދިޔަ މި ކޯހުގައި، ޕަބްލިކް ޑިސްއޯޑަރ ހާލަތްތަކުގައި ކެރިގެން ކުރިމަތިލުމަށް ފުލުހުން ތަމްެރީނުކޮށްފައިވެއެވެ. މި ކޯހުގައި ފުލުހުން ބޭނުންކުރާ ލެސްލީތަލް ހަތިޔާރު ބޭނުންކުރުމަށް ތަމްރީނުދީފައިވެއެވެ.
އަދި ކޯހުގެ ތެރެއިން ކިޔަވައިދެވުނު ހުރިހާ މާއްދާތައް ހިމެނޭހެން އަމަލީ މައިދާނުގައި ދިމާވާ ކަންކަމަށް ބިނާކޮށް ސިމިއުލޭޝަން އެކްސަސައިޒެއް ކުރިއަށް ގެންގޮސްފައިވެއެވެ.

މި ކޯހުން އެއްވަނަ އަށް ހޮވިފައިވަނީ ކޮންސްޓަބަލް އަބްދުﷲ ޒިޔާން އަލީއެވެ.
މި ކޯހުގައި އަންހެން ހަތަރު ފުލުހުންނާއި 26 ފިރިހެން ފުލުހުން ބައިވެރިވެ ކޯސް ފުރިހަމަކޮށްފައިވެއެވެ.