މާރާމާރީ ހިންގި މައްސަލަތަކެއްގަ މާލެއިން 06 މީހަކު ހައްޔަރުކޮށްފި
މާރާމާރީ ހިންގި މައްސަލަތަކެއްގަ މާލެއިން 06 މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގއ. މާމެންދޫ / މޯރާ، ޠާއިފް ރަފީޤު (26އ) އާއި ގދ. ރަތަފަންދޫ / ސަންރައިސް، އަމްސަލް ޢަބްދުﷲ (25އ) އާއި ލ. ގަން / ތުނޑި. ރޯސްބަޑް، އަޙްމަދު ނީޒާދު (29އ) އާއި ގދ. ތިނަދޫ / ގުލްބަކާގެ، ޢަބްދުﷲ އިސްރާޤް (19އ) އާއި ތ. ގާދިއްފުށި / މުސްތަރީގެ، ޝަމާލް ޙުސައިން (22އ) އަދި ލ. މާމެންދޫ / މުރިނގު، ރަޖުވާން ލަޠީފް (24އ) އެވެ. މި އެންމެން ވެސް ހައްޔަރުކޮށްފައިވަނީ މި އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު ކޯޓު އަމުރުގެ ދަށުންނެވެ.
މި މީހުންގެ ތެރެއިން ތ. ގާދިއްފުށި / މުސްތަރީގެ، ޝަމާލް ޙުސައިން (22އ) އަދި ލ. މާމެންދޫ / މުރިނގު، ރަޖުވާން ލަޠީފް (24އ) ހައްޔަރުކޮށްފައިވަނީ މި އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުގެ 18:10 އެހައިކަންހާއިރު، ސައިކަލެއްގައި ގޮސް، ބޮޑުތަކުރުފާނު މަގު ފޯސްޓު އޮފީސް ކައިރީ ހުރި މީހަކާ މެދު މާރާމާރީ ހިންގާފައިވާ މައްސަލައާ ގުޅިގެންނެވެ.
މި މައްސަލައާ ގުޅިގެން ޝަމާލް ޙުސައިން (22އ) އާއި ރަޖުވާން ލަޠީފް (24އ) ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ގއ. މާމެންދޫ / މޯރާ، ޠާއިފް ރަފީޤު (26އ) އާއި ގދ. ރަތަފަންދޫ / ސަންރައިސް، އަމްސަލް ޢަބްދުﷲ (25އ) އާއި ލ. ގަން / ތުނޑި. ރޯސްބަޑް، އަޙްމަދު ނީޒާދު (29އ) އާއި ގދ. ތިނަދޫ / ގުލްބަކާގެ، ޢަބްދުﷲ އިސްރާޤް (19އ) ހައްޔަރުކޮށްފައިވަނީ މި އޮކްޓޫބަރު މަހުގެ 4 ވަނަ ދުވަހުގެ 20:30 އެހައިކަންހާއިރު ގުރޫޕު ހަދާފައި ސައިކަލެއްގައި ގޮސް، މއ. ރީނދޫމާގެ ކައިރީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ މަތީގައި އިން މީހަކަށް ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ހަމަލާދީ މާރާމާރީ ހިންގާފައިވާ މައްސަލައާ ގުޅިގެންނެވެ.
މި މައްސަލައާ ގުޅިގެން މި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތުން ގޮތެއް ނިމެންދެން ހަތަރު މީހުން ވެސް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މާރާމާރީގައި އަނިޔާވި މީހުންނަށް ފަރުވާދިނުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލާފަވާއިރު މި ދެ މައްސަލަ ވެސް ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.