ދެ ސަރަހައްދެއް ބަލާފާސްކޮށް 15 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފި
މާލޭގެ ދެ ސަރަހައްދެއް ބަލާފާސްކޮށް 15 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
މި ދެ އޮޕަރޭޝަން ކުރިއަށްގެންދިޔައީ މި މަހުގެ 10 އަދި 11ވަނަ ދުވަހުއެވެ.
އިމިގްރޭޝަނުން އާންމުކޮށްފައިވާ މައުލޫމާތުގައި ވާގޮތުން ޤަވާއިދާ ޚިލާފަށް ވިޔަފާރިތައް ހިންގާ އެފަދަ ތަންތަނުގައި މަސައްކަތްކުރާ ބިދޭސީންނަށް އަމާޒުކޮށް ޓާސްކްފޯސްއިން ވަނީ މާލޭގެ ރޯޝަނީ މަގާއި އެ މަގާއި ގުޅިފައިވާ ގޯޅިތަކުގައި އުޅެމުންދިއަ 104 ބިދޭސީން ބަލައިފާސްކޮށް، ޤަވާއިދާ ޚިލާފަށް އުޅެމުންދިއަ 09 ބިދޭސީއަކު ހައްޔަރުކޮށްފައެވެ.
އަދި މާލޭގެ ޝާރިޢުވަރުދީ މަގަށް އަމާޒުކޮށް އިއްޔެ ޓާސްކްފޯސްއިން ވަނީ ރެއިޑު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައި ކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ. މި އޮޕަރޭޝަންގައި 44 ބިދޭސީން ބަލައިފާސްކޮށް، އޭގެ ތެރެއިން 06 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވައި، އެފަދަ ފަރާތްތައް އަނބުރާ އެމީހުންގެ ޤައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން ފަށާފަވާއިރު ބިދޭސީ މަސައްކަތްތެރިންނާމެދު އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅަން މިހާރު ވަނީ ފަށާފައެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި "ޓާސްކްފޯސް އޮން އިލީގަލް އެކްސްޕެޓްއޮޕަރޭޝަންސް" އިން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން ޤަވާއިދާ ޚިލާފަށް ވިޔަފާރިކޮށް، އެ ވިޔަފާރިތަކުގައި ޝާމިލްވާ ބިދޭސީން އަނބުރާ އެމީހުންގެ އަމިއްލަ ގައުމުތަކަށް ފޮނުވާލުމުގެ މަސައްކަތްވެސް އިމިގްރޭޝަނުން އަންނީ ކެނޑިނޭޅި ކުރަމުންނެވެ.
އިމިގްރޭޝަނުން ވިދާޅުވީ މި މަސައްކަތުގެ ތެރެއިން ހިންގޭ އެންފޯސްމަންޓް އޮޕަރޭޝަންތަކުގައި އާންމުކޮށް ފާހަގަކުރެވޭ ކަމަކީ، ބިދޭސީ މުވައްޒަފުންގެ އަތުގައި މުއްދަތު ހަމަނުވާ ވީޒާއެއް އޮތް ނަމަވެސް، ދޫކޮށްފައިވާ ވީޒާ ނުވަތަ ހުއްދައިގެ ބޭރުން އެހެން ތަނެއްގައި މަސައްކަތްކޮށް ނުވަތަ ހުއްދަ ދޫކޮށްފައިވާ މަސައްކަތް ނޫން އެހެން މަސައްކަތްތައް ކުރަމުން ގެންދާކަމެވެ.
ޤަވާއިދާ ޚިލާފަށް 'އޯޕަން ވިޒާ'ގެ ނަމުގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު ދަނީ އިތުރުވަމުންކަން ފާހަގަކޮށް އިމިގްރޭޝަނުން ވަނީ އެމީހުންނަށް ވަޒީފާ ދީފައިވާ ތަނުގެ އިތުރުން އެހެން ތަންތަނުގައި މަސައްކަތްކޮށްގެން އާމްދަނީ ހޯދުމާއި އަމިއްލަ މަސައްކަތްތަކާއި ވިޔަފާރިކޮށްގެން ބޮޑެތި މާލީ މަންފާތައް ބިދޭސީން ހޯދާ ކަމަށްވެސް ވިދާޅުވެފައެވެ.
މިއީ ޤާނޫނީ ގޮތުން ހުއްދަ ކަމެއް ނޫން ކަމެއް ކަން އިމިގްރޭޝަނުން ވަނީ ހަނދާންކޮށްދީފައެވެ.

މި މަސައްކަތްތަކުގެ މަގްސަދަކީ ދިވެހިރާއްޖޭގައި ބިދޭސީ މަސައްކަތްތެރިންނާ ގުޅޭ ކަންކަން ހަރުދަނާކޮށް، ޤާނޫނާ އެއްގޮތަށް އެމީހުންގެ އަމަލުތައް ބައްޓަންކުރުމެވެ. އަދި މިކަމުގެ ސަބަބުން ޤައުމުގެ އިގްތިސާދަށާއި އިޖްތިމާއީ ރައްކާތެރިކަމަށް ކުރިމަތިވާ ގޮންޖެހުންތައް ކުޑަކުރުމެވެ.
އެހެންކަމުން ބިދޭސީ މަސައްކަތްތެރިންނާއި، ވަޒީފާދޭ ފަރާތްތަކުންނާއި، އާންމު ރައްޔިތުން މިކަމުގައި ޒިންމާދާރު ގޮތެއްގައި އަމަލުކުރުމަށް އިމިގްރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.