ޤައިދީންނަށް ހިންގި ހަތަރު ކޯހެއްގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފި
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ޤައިދީންނަށް ހިންގި ހަތަރު ކޯހެއްގެ ދަސްވެނިވުމުގެ ރަސްމިއްޔާތު މާފުށީ ޖަލުގައި ބާއްވައިފިއެވެ.
މި މަހުގެ 9ވަނަ ދުވަހުގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރުއެވެ. ކޮމިޝަނަރގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްއުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ، މާފުށީ ޖަލުގެ ޑައިރެކްޓަރ ޑެޕިއުޓީ ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް ޢަބްދުﷲ އަމީން، ކޮމިޝަންޑް އޮފިސަރުންނާއި މެލޭޝިޔާ ޕްރިޒަން ޑިޕަރޓްމަންޓްގެ ތިން އޮފިސަރުން ބައިވެރިވެލެއްވިއެވެ.
މި ރަސްމިއްޔާތުގައި ސެޓްފިކެޓް ދަސްވެނިން ސެޓްފިކެޓް ހާސިލްކޮށްފައިވަނީ އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން ހިންގި ސެޓްފިކެޓް 1 އިން ސްޓާރޓިން އެގްރިކަލްޗަރ ކޯހާއި ސެޓްފިކެޓް 01 އިން ހައުސްވަޔަރިންގ އެންޑް އިލެކްޓްރިޝަން ކޯސް އަދި ޓްރާންސްޕޭރަންސީ މޯލްޑިވްސް އާއި އައިލެންޑް އިންސްޓިޓިއުޓް ފޮރ ޓަރޝަރީ އެޑިއުކޭޝަން (އައިއައިޓީއީ) އާ ގުޅިގެން ހިންގި ސެޓްފިކެޓް 3 އިން ރެފްރިޖަރޭޝަން އެންޑް އޭ.ސީ. މެއިޓަނަންސް ކޯހާއި ސެޓްފިކެޓް 3 އިން އިލެކްޓްރިކް އިންސްޓޮލޭޝަން އެންޑް މެއިންޓަނަންސް ކޯހުންނެވެ.

މިގޮތުން 21 ފިރިހެން ޤައިދީންނާއި 02 އަންހެން ޤައިދީންނާއެކު، ޖުމްލަ 23 ޤައިދީން ވަނީ ސެޓްފިކެޓް ހާސިލްކޮށްފައެވެ. އަދި މީގެ ތެރެއިން ދެ ޤައިދީއަކު ވަނީ ދެ ކޯސް ފުރިހަމަކޮށްފައެވެ. ސެޓްފިކެޓް ދިނުމުގެ އިތުރުން، މި ކޯސްތަކުން ހަޔަރ ޑިސްޓިންކްޝަން ހޯދި ފަރާތްތަކަށް ވަނީ މެޑަލް، ޓްރޮފީ އަދި ގިފްޓް ޕެކް ޙަވާލުކޮށްފައެވެ.
ޤައިދީންނަށް މިފަދަ ކޯސްތައް ހިންގުމުގެ މަޤްޞަދަކީ ޤައިދީން ރިހެބިލިޓޭޓްކުރުމުގެ ގޮތުން، އެފަރާތްތައް ޖަލުގައި ހޭދަ ކުރާ ދުވަސްތަކަކީ ފައިދާކުރުވަނިވި ދުވަސްތަކެއްކަމުގައި ހެދުމަށާއި، ކުށްކުރުމުން ދުރުހެލިކޮށް، ޤައިދީން އަނބުރާ މުޖުތަމަޢުއަށް ނިކުމެ އާމްދަނީއެއް ހޯދުމަށް ކުރާނެ މަސައްކަތެއް ދަސްކޮށްދީ، މުޖުތަމަޢު ބަލައިގަންނަ ބަޔަކަށް ހެދުމަށް މަސައްކަތްކުރުމެވެ.