logo
banner image

ނ. އަތޮޅުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފި

ނ. އަތޮޅުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މިދިޔަ މަހުގެ 30ވަނަ ދުވަހު މި އޮޕަރޭޝަން ހިންގާފައިވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ނ. އަތޮޅު ޕޮލިސް ގުޅިގެންނެވެ.

މި އޮޕަރޭޝަނުގައި ކޯޓު އަމުރުގެ ދަށުން، ވެލިދޫ ހަތް ގެއާއި މިލަދޫ ގެއެއްގެ އިތުުރުން ފޮއްދޫ ކައިރީގައި އަޅާފައި އޮތް ކަޓަމަރާންޏެއް ބަލައިފާސްކޮށްފައިވެއެވެ. އެ ބަލައިފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި (11.66 ގުރާމު) އަދި ކުށްކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ 10500 އަށްވުރެ ގިނަ ރުފިޔާ ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ނ. ވެލިދޫ / އިލާ، ޢަބްދުﷲ ޢަލީ (30އ) އާއި ނ. ވެލިދޫ / ނެދުންގެ، މުޙައްމަދު މާޢިދު (29އ) އެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރިކޮށް، މަސްތުވާތަކެތި ގެންގުޅެ އަދި މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ.

މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޢަބްދުﷲ ޢަލީ ފަސް ދުވަހަށް އަދި މުޙައްމަދު މާޢިދު ހަތް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.