logo
banner image

48ވަނަ ޕަބްލިކް އޯޑަރ ޓްރެއިނިންގ ކޯހާއި ސުވަޓް ޓެކްޓިކަލް މެޑިކަލް ކޯސް ނިންމާލައިފި

ޕަބްލިކް އޯޑަރ ޓްރެއިނިންގ ކޯހުގެ 48ވަނަ ބުރާއި ސުވަޓް ޓެކްޓިކަލް މެޑިކަލް ކޯސް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ކޯހުގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ހެޑް އޮފް އޮޕަރޭޝަންސް ސަޕޯޓް ކޮމާންޑު އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ރަޝީދުއެވެ.

މި ރަސްމިއްޔާތުގައި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ ޑެޕިއުޓީ އެގްޒެކެޓިވް ޑައިރެކްޓަރ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ބަޝީރު އަދި ކޮލެޖްގެ އިސްވެރިންނާއި ދެ ކޯހުގެ މުދައްރިބުންގެ އިތުރުން ކޯހުގެ ބައިވެރިން ބައިވެރިވެލެއްވިއެވެ.

މި އަހަރުގެ އޮގަސްޓު 12ވަނަ ދުވަހުން ފެށިގެން ހަތަރު ހަފުތާގެ މުއްދަތަށް ކުރިއަށްގެންދިޔަ ޕަބްލިކް އޯޑަރ ޓްރެއިނިނގް ކޯހުގައި 31 ފުލުހުން ބައިވެރިވިއެވެ. އެއީ ހަ އަންހެން ފުލުހުންނާއި 25 ފިރިހެން ފުލުހުންނެވެ.

ޕަބްލިކް އޯޑަރ ޓްރެއިނިންގ ކޯހަކީ ޕަބްލިކް ޑިސްއޯޑަރ ހާލަތްތަކަށް ފުލުހުން ތަމްރީނުކުރުމަށް ކުރިއަށްގެންދާ ކޯހެކެވެ. މި ކޯހުގައި ފުލުހުންނާ ގުޅުންހުރި ގާނޫނުތައް، އިންސާނީ ހައްގުތައް، ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓް، ކޯޑް އޮފް އެތިކްސް އަދި ގާނޫނާއި ގަވާއިދުތަކާ ހިލާފަށް އެއްވާ އެއްވުންތައް ރޫޅާލުމުގެ ހުނަރުތައް އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއާ އެއްގޮތްވާގޮތުގެ މަތިން ކިޔަވައިދީފައިވެއެވެ.

އަދި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވާ ހާލަތްތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް މީހާ ގެނައުމުގައި ބޭނުންކުރާ އުކުޅުތަކާއި ފުލުހުން ބޭނުންކުރާ ލެސް ލީތަލް ހަތިޔާރު ބޭނުންކުރާނެ ގޮތުގެ ތަމްރީނުތައް ކުރިއަށް ގެންގޮސްފައިވެއެވެ.

2024 ޑިސެމްބަރ 10 އިން 17 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ ސުވަޓް ޓެކްޓިކަލް މެޑިކަލް ކޯހުގައި 10 ފުލުހުން ބައިވެރިވެ ކޯސް ފުރިހަމަކޮށްފައިވެއެވެ. މި ކޯސް ކުރިއަށް ގެންގޮސްފައިވަނީ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ގުޅިގެންނެވެ.

ސުވަޓް ޓެކްޓިކަލް މެޑިކަލް ކޯހަކީ ރިސްކު ބޮޑު ޓެކްޓިކަލް މާހައުލުތަކުގައި ހަލުވިކަމާއެކު ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ނުރައްކާތެރި ހާލަތްތަކުގައި މީހުންގެ ފުރާނަ ސަލާމަތްކުރުމާއި، އަނިޔާތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ތަމްރީނު ދިނުމަށް ކުރިއަށްގެންދާ ކޯހެކެވެ.

މި ކޯހުގައި ޓީމް ވޯކް، އޮޕަރޭޝަނަލް ސްޓެންޑަޑްސް، ނަފުސާނީ އަދި ޖިސްމާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ތަމްރީނުދީފައިވެއެވެ.