ކުށް ކުރާ ކަމަށް ފާހަގަވާ ސަރަހައްދުތަކަށް އިސްކަންދީގެން ޕެޓްރޯލް ކުރަނީ
ކުށް ކުރާ ކަމަށް ފާހަގަވާ ސަރަހައްދުތަކަށް އިސްކަންދީގެން ޕެޓްރޯލް ކުރުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން އާންމުކޮށްފައިވާ މައުލޫމާތުގައި ވާގޮތުން މާލެއަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކުށް ހިނގާ ކަމަށް ފާހަގަކުރެވިފައިވާ ސަރަހައްދުތަކަށް ޚާއްސަ ސަމާލުކަމެއް ދީގެން ޕެޓްރޯލްކޮށް ބެލެހެއްޓުމާއި ކުށުގެ ވެށީގައި އުޅޭ ފަރާތްތައް ހުއްޓުވައި ސުވާލުކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.
މީގެއިތުރުން، ވަގަށްނަގާފައިވާ ތަކެތި ހޯދުމާއި ރައްޔިތުން ހޭލުންތެރިކަން އިތުރުކުރުމަށް ފިހާރަތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ އިތުރުން ރައްޔިތުންގެ ކޯލްތަކަށް އެޓެންޑްވެ، ރައްޔިތުންގެ ކަންބޮޑުވުންތައް ހައްލުކުރުމަށާއި މަގުމަތި ތަރުތީބުކުރުމުގެ މަސައްކަތްތަކުގައިވެސް މާލެ ފްރަންޓްލައިން ޕޮލިސްގައި މަސައްކަތްކުރާ ފުލުހުން ހަރަކާތެރިވެފައިވާކަން ފުލުހުން ފާހަގަކުރެއެވެ.
އަދި ފުލުހުންގެ ކޮންމެ ދުވަހެއްގެ މަސައްކަތުގެ ތެރެއިން ކުރެވޭ މިފަދަ ކޮންމެ ކަމަކުންވެސް މުޖުތަމައުގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރެވިގެންދާނެ ކަމަށް ފުލުހުންގެ ޚިދުމަތުން ދެކެއެވެ.

ގޭންގު ކުށްމަދުކުރުމަށްޓަކައި ޚާއްސަ ވިންގެއް އުފައްދާފައިވާއިރު، ގޭންގެއްގެ ގޮތުގައި ބަލަނީ، މަގުމަތީގައި ނުވަތަ އެކިތަންތަނުގައި އެއްވެގެން ތިބެ ޖިނާއީ އެކިއެކި ކުށްތައްކުރަމުންދާ، އަދި އާންމުންގެ ހިތްތަކުގައި ބިރުވެރި އުފެދޭފަދަ އަމަލުތައް ކުރަމުންދާ، ވަކި ނަމެއްދީގެން ވަކި ބައެއްގެ ގޮތުގައި ދައްކުވައިގެން ހަރަކާތްތެރިވާ މީހުންނެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގައި އަލަށް ޤާއިމުކުރި، ގޭންގް ކްރައިމް އެންފޯސްމަންޓާއި، ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީ ޑިޕާޓްމަންޓާއެކު ދިވެހި ފުލުހުންގެ ޚިދުމަތުގެ ކުރިއަށް އޮތް 4 އަހަރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން ތަންފީޒުކުރުމަށް ފުލުހުންގެ އިދާރީ ހިންގުމުގެ އޮނިގަނޑަށް ވަނީ މިމަހުގެ ފުރަތަމަދުވަހުން ފެށިގެން ބަދަލުތަކެއް ގެނެސްފައެވެ.