އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް ހެނބަދޫ ރައްޔިތުން އަހުލުވެރިކޮށްފި
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ރައްޔިތުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ނ. ހެނބަދޫގައި ކުރިއަށް ގެންގޮސްފިއެވެ.
މި މަހުގެ 12 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ސެޝަނަކީ ހެނބަދޫ ޕޮލިސް ޕޯސްޓާއި އެ ރަށު ކައުންސިލު ގުޅިގެން ކުރިއަށް ގެންދިޔަ ސެޝަނެކެވެ.
މި ސެޝަނުގައި، އެއްގަމު އުޅަނދު ދުއްވުމުގައި، ޤާނޫނާއި ޤަވާއިދުތަކުގައި ބަޔާންކޮށްފައިވާ ކަންކަމަށް ވިސްނައިގެން އެއްގަމު އުޅަނދު ދުއްވުމަށާއި ތިމާއާއި އަނެކުންގެ ސަލާމަތަށް ސަމާލުކަންދީގެން އުޅަނދު ދުއްވުމަށް މައުލޫމާތު ދީފައިވެއެވެ. އަދި އެއްގަމު އުޅަނދުގައި ފުރިހަމަކޮށްފައި ހުންނަންޖެހޭ ކަންކަން ފުރިހަމަކޮށްގެން އުޅަނދު ދުއްވުމަށް ނަސޭހަތްތެރިވެފައިވެއެވެ.
މީގެ އިތުރުން، ސީ ޒޯނަށް އުޅަނދުގެ ރަޖިސްޓްރީ ބަދަލުކުރުމުގެ ކަންކަމުގައި ކައުންސިލުން އެހީތެރިވުމާ ގުޅޭގޮތުން ކައުންސިލުގެ ފަރާތުން މައުލޫމާތު ދީފައިވެއެވެ.