logo
banner image

ކުށްތަކުން ރައްކާތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ހަރަކާތެއް ބަނޑިދޫގައި ކުރިއަށް ގެންގޮސްފި

ކުށްމަދު އަމާން މުޖުތަމައެއް ބިނާކޮށް ތަފާތު އެކިކަހަލަ ކުށުން ރައްޔިތުން ރައްކާތެރިކުރުވުމަށް ހޭލުންތެރިކޮށް މައުލޫމާތު ދިނުމުގެ ހަރަކާތެއް ދ. ބަނޑިދޫގައި ކުރިއަށް ގެންގޮސްފިއެވެ.

މި މަހުގެ 8ވަނަ ދުވަހު ބަނޑިދޫ ޕޮލިހުން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި، ދ. އަތޮޅު ރިސޯޓުތަކަށް ހުޅުވާލައިގެން އެ ރަށުގައި މިހާރު ކުރިއަށް ގެންދާ ދ .އަތޮޅުކަޕް ޓެކާސް ފުޓްސަލް މުބާރަތް ކުރިއަށްދާ ވަގުތުތަކުގައި މެޗު ބެލުމަށް އެ ސަރަހައްދަށް ގޮސްތިބި ރިސޯޓުތަކުގެ މުވައްޒަފުންނާއި، އެކި ރަށްރަށުން ބަނޑިދޫއަށް ގޮސްތިބި މީހުންގެ އިތުރުން މެޗު ބެލުމަށް ގޮސްތިބި އެ ރަށު ރައްޔިތުންނަށް މައުލޫމާތު ދީފައިވެއެވެ.

އެގޮތުން، އާންމުވަމުން އަންނަ ސްކޭމްގެ މައްސަލަތަކާއި އެފަދަ ސްކޭމްތަކުން ރައްކާތެރިވާނެ ގޮތްތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި އޮޅުވާލައިގެން ފައިސާ ހޯދާ މީހުންގެ އަމަލުތައް ހުންނަ ގޮތްތައް ކިޔައިދީ ސްކޭމްކުރާ ފަރާތްތަކުން ގެންގުޅޭ އުކުޅުތައް ބުނެދީ އަދި ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ކިޔައިދީފައިވެއެވެ. އަދި ފައިސާގެ މުއާމަލާތްތައް ކުރާއިރު ހާއްސަ ސަމާލުކަންދޭންޖެހޭ ކަންކަން ކިޔައިދީފައިވެއެވެ.

މީގެ އިތުރުން، ސްމާޓް ފޯނު، ޓެބްލެޓް ނުވަތަ ލެޕްޓޮޕް ފަދަ ޑިވައިސްތަކުގެ ސެކިއުރިޓީ ވަރުގަދަކޮށް، ޓޫ ފެކްޓަރ އޮތޮންޓިކޭޝަން ފަދަ ސެކިއުރިޓީ ފިޔަވަޅުތައް ވަރުގަދަކުރުމަށް އިރުޝާދުދީފައިވެއެވެ. އަދި ސްކޭމްގެ މައްސަލަތަކާއި ރައްކާތެރިވާނެ ގޮތްތަކާއި ސްކޭމްއާ ގުޅޭ އެހެނިހެން މައުލޫމާތު އެކުލެވޭ ލީފްލެޓް ބަހާފައިވެއެވެ.

ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދީ ކުށުގެ ވެށި ނައްތާލުމަށް ދެމެހެއްޓެނިވި ގޮތެއްގައި ފުލުހުން ގެންދަނީ މިފަދަ ތަފާތު ހަރަކާތްތައް ހިންގަމުންނެވެ.