logo
banner image

ހިންމަފުށީ ސްކޫލު މުވައްޒަފުންނަށް ޓީމް ބިލްޑިންގ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި

ކ. ހިންމަފުށީ ސްކޫލު މުވައްޒަފުންގެ މެދުގައި އެއްބައިވަންތަކަން އިތުރުކޮށް، މަސައްކަތުގެ މާހައުލު ހަރުދަނާ ކުރުމުގެ މަގުސަދުގައި ޓީމް ބިލްޑިންގ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މި ހަރަކާތަކީ ކުށްމަދުކުރުމަށް ފުލުހުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަަށް ގެންދިޔަ ހަރަކާތެކެވެ.

މި މަހުގެ 6 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ހަރަކާތަކީ ހިންމަފުށި ސްކޫލުގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ދުވަހާ ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. ކްރައިމް ޕްރިވެންޝަން ޑިޕާޓްމަންޓާއި ހިންމަފުށި ޕޮލިސް އަދި ސްކޫލު ގުޅިގެން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި، އެ ސްކޫލުގެ މުދައްރިސުންނާއި އިދާރީ މަސައްކަތްކުރާ މުވައްޒަފުން ހިމެނޭ ގޮތަށް ޖުމުލަ 36 މުވައްޒަފުން ބައިވެރިވިއެވެ.

މި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ ގުރޫޕްތަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ އައުޓްޑޯ ގޭމްތަކެއްގެ ގޮތުގައެވެ. މި ގޭމްތައް މެދުވެރިކޮށް، ޓީމްވޯކްގެ މުހިންމުކަމާއި ލީޑަރޝިޕްގެ ހުނަރުތައް ކުރިއެރުވުމަށް މަސައްކަތްކޮށްފައި ވެއެވެ. މީގެ އިތުރުން ދިމާވާ މައްސަލަތައް ހައްލުކުރާނެ ހަރުދަނާ އުކުޅުތަކާ ގުޅޭގޮތުން އަމަލީ ގޮތުން މައުލޫމާތު ދީފައިވެއެވެ.

މި ހަރަކާތުގެ ތެރެއިން، ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމާއި، އެއްބައިވަންތަކަމާއެކު މަސައްކަތްކުރުމުގެ ފައިދާތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ދިރިއުޅުމުގައި ދިމާވާ ކަންބޮޑުވުންތަކާ ކުރިމަތިލެވޭނެ ފަސޭހަ ގޮތްތަކާއި، ސުލްހަވެރިކަމާއި ވިސްނުންތެރިކަމާއެކު މައްސަލަތައް ހައްލުކުރާނެ ގޮތްތަކާ ގުޅޭގޮތުން ވެސް މައުލޫމާތު ދީފައިވެއެވެ.

މީގެ އިތުރުން، މުއާމަލާތުކުރުމުގައި އިހުލާސްތެރިކަމާއި ހިތްހެޔޮކަމާއެކު ވާހަކަދެއްކުމުގެ މުހިންމުކަމާއި، ވާހަކަދެއްކުމުގައި ރިވެތި ބަސްމަގު ބޭނުންކުރުމަށް ބާރުއަޅާފައިވެއެވެ. ހަމަ އެހެންމެ، ވަގުތަށް ކަމޭހިތުމުގެ މުހިންމުކަމާއި ވަގުތު މެނޭޖުކުރާނެ ގޮތްތަކުގެ މައްޗަށް ވެސް އަލިއަޅުވާލާފައިވެއެވެ.

މި ހަރަކާތުގެ ތެރެއިން، ކުށްތަކުން ރައްކާތެރިވެތިބުމަށާއި، ސްކޭމްގެ މައްސަލަތަކުން ދުރުހެލިވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން ވެސް ބައިވެރިންނަށް މައުލޫމާތު ދީފައިވެއެވެ. މިފަދަ ހަރަކާތްތަކަކީ ސްކޫލުގެ މުވައްޒަފުންގެ މެދުގައި ގުޅުން ބަދަހިކޮށް، މަސައްކަތުގެ ނަތީޖާ ރަނގަޅުކުރުމަށް ވަރަށް މުހިންމު ކަމެކެވެ.