logo
banner image

ބައިނަލްއަގުވާމީ، ފުލުހުންގެ އެއްބާރުލުންދިނުމުގެ ދުވަސް

އިއްޔެއަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ފުލުހުންގެ އެއްބާރުލުންދިނުމުގެ ދުވަހެވެ. މި ދުވަސް ފާހަގަކުރަން ފެށީ އިންޓަރޕޯލް އުފެއްދި ތާރީހު ކަމަށްވާ 07 ސެޕްޓެންބަރު 1923 ގެ މުނާސަބަތުގަ 2023 ވަނަ އަހަރުން ފެށިގެންނެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި އެކި އިހްތިޞާސް ތަކުގައި އުފައްދާފައިވާ ގާނޫނު ތަންފީޒުކުރާ އިދާރާތައް ގުޅުވައި، މައުލޫމާތު ބަދަލުކުރުމާއި، ގުޅިގެން އޮޕަރޭޝަންތައް ކާމިޔާބުކަމާއެކު ހިންގައި، ކުށްވެރިން ގާނޫނުގެ ކުރިމައްޗަށް ގެނައުމަށްކުރާ ބުރަ މަސައްކަތް ފާހަގަކުރުމަށް ހާއްސަ މި ދުވަހުގެ ތަހުނިޔާ ފުލުހުންނަށާއި ދިވެހިރާއްޖޭގެ ތަންފީޒީ އިދާރާތަކުގައި މަސައްކަތްކުރާ އެންމެހައި ފަރާތްތަކަށް ފޮނުވަމެވެ.

2025 ވަނަ އަހަރު މި ދުވަސް ފާހަގަކުރުމަށް ކަނޑައަޅާފައިވާ ޝިއާރަކީ "ފުލުހުންގެ މަސައްކަތުގައި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީއާއި އާޓިފިޝަލް އިންޓެލިޖެންސް"އެވެ.

އަދުގެ ދުނިޔޭގައި ކުށްކުރުމުގެ ވައްޓަފާޅި ހަލުވި މިނެއްގައި ބަދަލުވަމުން ގޮސް، ސައިބަރ ކްރައިމްގެ ނުރައްކާ ހުރިހާ އުމުރެއްގެ ހުރިހާ ފަންތިއެއްގެ މީހުންނަށް ވެސް ދަނީ ކުރިމަތިވަމުންނެވެ. އިންޓަނެޓްގެ ފަރުދާގެ ފުރަގަހުގައި ތިބެ، ކާކުކަން ނޭނގޭގޮތަށް ހިންގާ ރޭންސަމްވެއަރ އެޓޭކްތަކާއި، ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ ގޯނާއާއި، އިންސާނީ ވަގުފާރީގެ އިތުރުން މަކަރާއި ހީލަތުން ފައިސާ ނިގުޅައިގަތުމުގެ އަމަލުތަކުގެ ސަބަބުން ނަފުސާނީ ގޮތުންނާއި މާލީ ގޮތުން ބޮޑެތި ގެއްލުންތައް ދަނީ ކުރިމަތިވަމުންނެވެ.

މިއީ ދުނިޔޭގެ އެކި ޖިއޮގްރަފިކަލް ހިސާބުތަކާ ގުޅިފައި ހުންނަ، ރޭވިގެން ހިންގާ ބޮޑެތި ކުށްތަކެވެ. މިފަދަ ކުށްތަކަކީ އެއް ގައުމުން އެކަނި މަސައްކަތް ކޮށްގެން ހުއްޓުވުން މުސްތަހީލު ކުށްތަކެވެ.

ވުމާއެކު، އިންޓަރޕޯލް އިން ދަނީ މިފަދަ ކުށްތައް ހިންގާ އުކުޅުތައް ދެނެގަނެ، މެންބަރު ގައުމުތައް މި ކަންކަމަށް އަހުލުވެރިކުރުވައި، ތަމްރީނާއި އުނގަންނައިދިނުމުގެ އިތުރުން ބައިނަލްއަގުވާމީ ފެންވަރުގެ ބޮޑެތި އޮޕަރޭޝަންތައް ވެސް ހިންގަމުންނެވެ. ވޭތުވެދިޔަ އަހަރު ހިންގުނު އޮޕަރޭޝަން ހައިޗީއަށް އެކަނި ބެލި ކަމުގައިވިޔަސް، މިފަދަ ކުށްތަކުގައި ހިމެނޭ 5500 އަށް ވުރެ ގިނަ މީހުން ހައްޔަރުކުރެވި، 400 މިލިޔަން ޔޫއެސް ޑޮލަރުގެ އަގުހުރި ފައިސާއާ މުދާ ހިފެހެއްޓިފައިވެއެވެ.

މި ކާމިޔާބީތަކާއެކު ވެސް، ކުރަންޖެހިފައިވާ މަސައްކަތްތައް އިންތިހާއަށް ބޮޑެވެ. މި އަހަރުގެ ޝިއާރުން މާނަކުރާ ފަދައިން، ކުށްވެރިން ޓެކްނޮލޮޖީގެ ބޭނުންހިފައި، ކުށުގެ ވައްޓަފާޅި އިންތިހާއަށް ނުރައްކާތެރި މާހައުލަކަށް ބަދަލުކުރަމުން ދާއިރު، ތަންފީޒީ އިދާރާތަކުން އެންމެ އިސްކަމެއްދީގެން ކުރަންހުރި އެއް މަސައްކަތަކީ ޓެކްނޮލޮޖީއާއި މުވާސަލާތީ ގުޅުމުގެ ތެރެއިން އިދާރާތަކުގެ ގުޅުން ވަރުގަދަކޮށް، އާޓިފިޝަލް އިންޓެލިޖެންސް އިން ލިބެންހުރި ފަސޭހަތައް މަސައްކަތުގައި ބޭނުންކުރަން ފެށުމުވެ.

އިންޓަރޕޯލްގެ ހިދުމަތްތައް ފުޅާކޮށް، ޓެކްނޮލޮޖީގެ ކުރިބޯއްޓަށް ގެންދިއުމަށް ހުއްޓުމެއްނެތި ކުރެވެމުންދާ މަސައްކަތްތަކުގައި އެ އިދާރާގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ދެއްވާކަމީ، ދިވެހިރާއްޖެ ފަދަ ކުދި ގައުމުތަކަށް މި މަގުން ލިބިގެންދާނެ ބޮޑު ހިތްހަމަޖެހުމެކެވެ.