logo
banner image

ކަނޑުމަގުން ގެންނަ އަދި ގެންދާ މުދަލުގެ ހައުސް ބިލް އޮފް ލޭންޑިންގެ މައުލޫމާތު ހުށަހަޅަންވާނެ: ކަސްޓަމްސް

ކަނޑުމަގުން ރާއްޖެއަށް ގެންނަ އަދި ގެންދާ މުދަލުގެ ހައުސް ބިލް އޮފް ލޭންޑިންގެ މައުލޫމާތު ކަސްޓަމްސްއަށް ހުށަހަޅަން ވާނޭ ކަމަށް ކަސްޓަމްސް އިން ބުނެފިއެވެ.

ކަސްޓަމްސް އިން މިކަން ހާމަކޮށްފައި މިވަނީ މި މަހުން ފެށިގެން ފްރައިޓް ފޯވާޑިންގގެ ޚިދުމަތް ލިބޭނީ ކަސްޓަމްސްގައި ރަޖިސްޓްރީވެފައިވާ ފްރައިޓް ފޯވަރޑަރުންނަށް އެކަނި ކަމަށް އެ ސަރވިސް އިން ހާމަކޮށްފައިވަނިކޮށެވެ.

ކަސްޓަމްސް އިން ހާމަކޮށްފައިވާ މައުލޫމާތުގައި ވާގޮތުން ފްރައިޓް ފޯވަރޑަރުން މެދުވެރިވެގެން ކަނޑުމަގުން ރާއްޖެއަށް މުދާ އިމްޕޯޓް އަދި އެކްސްޕޯޓް ކުރާ ހާލަތްތަކުގައި އެ ފަރާތްތައް ކާގޯ އެޖެންޓެއްގެ ގޮތުގައި ކަސްޓަމްސްގައި ރަޖިސްޓްރީ ވާން ޖެހެއެވެ.

އަދި ހައުސް ބިލް އޮފް ލޭންޑިންތަކުގެ މައުލޫމާތު، އިލެކްޓްރޯނިކްކޮށް ފްރައިޓް ފޯވަރޑަރުން ކަސްޓަމްސްއަށް ހުށަހަޅަންވެސް ޖެހެއެވެ.

މި މައުލޫމާތު ކަސްޓަމްސްއަށް ހުށަހަޅަން ވާނީ މާސްޓަރ ބިލް އޮފް ލޭންޑިންގގައި ކޮންސައިނީގެ ގޮތުގައި ބަޔާންކޮށްފައިވާ ފްރައިޓް ފޯރަޑަރުން ކަމަށްވެސް ކަސްޓަމްސް އިން ބުންޏެވެ.

މީގެ އިތުރުން ޓްރޭޑިއަން ޕޯޓަލް ( މޯލްޑިވްސް ނޭޝަނަލް ސިންގަލް ވިންޑޯ ) މެދުވެރިކޮށް މި މައުލޫމާތު ކަސްޓަމްސް އަށް ހުށަހެޅޭނެއެެވެ.

އިމްޕޯޓްކުރާ މުދަލާއި އެކްސްޕޯޓްކުރާ މުދަލުގެ ބިލް އޮފް ލޭޑިން/އެއަރވޭބިލް ދޫކުރުމާއި ޑެލިވަރީ އޯޑަރ ދޫކުރުމުގެ ޚިދުމަތް ހިމެނޭގޮތުން ފްރައިޓް ފޯވަރޑިންގގެ ޚިދުމަތްދޭ ފަރާތްތަކާއި އުޅަނދުފަހަރުގެ އެޖެންޓުގެ ހައިސިއްޔަތުން ފްރައިޓް ފޯވަރޑިންގގެ ދައުރު އަދާކުރާ ފަރާތްތައް ކަސްޓަމްސްގައި ރަޖިސްޓަރީ ކުރަންވާނެ ކަމަށް ކަސްޓަމްސްގެ ޢާންމު ގަވާއިދުގެ 219 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވެއެވެ.