ނަފުސާނީ ދުޅަހެޔޮކަމާ ގުޅޭ ވޯކްޝޮޕެއް ބާއްވައިފި
ހުޅުމާލޭގައި ހުންނަ އިސްރަށްވެހިންގެ ނާދީގައި ނަފުސާނީ ދުޅަހެޔޮކަމާ ގުޅޭ ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފިއެވެ.
މިމަހުގެ 14ވަނަ ދުވަހު ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓުން ކުރިއަށް ގެންދިޔަ މި ވޯކްޝޮޕަކީ ނަފުސާނީ ދުޅަހެޔޮކަމާއި އަމިއްލަ ނަފުސަށް އަޅައިލުމާ ގުޅޭގޮތުން އިސްރަށްވެހިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ވޯކްޝޮޕެކެވެ.
މި ވޯކްޝޮޕުގައި ނަފުސާނީ ދުޅަހެޔޮކަމަކީ ކޮބައިކަމާއި، ނަފުސާނީ ގޮތުންނާއި ޖިސްމާނީގޮތުން ދުޅަހެޔޮ މީހަކަށް ވުމަށް ކުރެވިދާނެ ކަންތައްތައް ކިޔައިދީފައިވެއެވެ. އަދި އަމިއްލަ ނަފުސަށް އަޅައިލުމަށް ކުރެވިދާނެ ކަންތައްތަކާއި އެކަމުގެ މުހިންމުކަމާއި ވިސްނުންތެރިކަމާ ގުޅޭގޮތުން ވެސް މައުލޫމާތު ދީފައިވެއެވެ.
އެކި ކަހަލަ ކުޅިވަރުތައް ހިމަނައިގެން ކުރިއަށް ގެންދިޔަ މި ވޯކްޝޮޕުގައި 27 މީހުން ބައިވެރިވިއެވެ.