logo
banner image

ތޮއްޑޫ ސްކޫލު ދަރިވަރުންނާއި ބެލެނިވެރިންނަށް ސައިބަރ އެވެއާނަސް ސެޝަންތަކެއް

އއ. ތޮއްޑޫ ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް ސައިބަރ އެވެއާނެސް ސެޝަންތަކެއް ހިންގައިފިއެވެ.

މި ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ ސައިބަރ ކްރައިމް ސެންޓަރާއި ތޮއްޑޫ ޕޮލިސް ސްޓޭޝަން ގުޅިގެން މިމަހުގެ 11 އިން 12 އަށެވެ.

މި ސެޝަންތަކުގެ ތެރެއިން ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ސެޝަނުގައި، އިންޓަނެޓް ބޭނުންކުރުމުގައި ސަމާލުކަންދޭންވީ ކަންކަމާއި، އާންމުކޮށް ދަރިވަރުން ބޭނުންކުރާ އެޕްލިކޭޝަންތަކުގައި ހުންނަ ރަނގަޅު އަދި ނުރަނގަޅު ކަންތައްތައް ކިޔައިދީ ރައްކާތެރިކޮށް މި އެޕްލިކޭޝަންތައް ބޭނުންކުރާނެ ގޮތް ކިޔައިދީފައިވެއެވެ.

އަދި އޮންލައިން ގޭމުތަކާއި އެހެނިހެން ޕްލެޓްފޯމްތަކުން ދިމާވާ ފަރާތްތަކަށް ޒާތީ މައުލޫމާތު ހިއްސާކުރުމުގައި ސަމާލުކަންދޭންވީ ކަންކަން ވެސް ކިޔައިދީފައިވެއެވެ. އަދި މި އެޕްތަކުގައި ޕްރައިވަސީ ސެޓިންގ ބޭނުންކުރާނެގޮތް ބުނެދީފައިވެއެވެ. މީގެ އިތުރުން، ސޯޝަލް މީޑިއާގައި އެހެން މީހުނަށް އިހުތިރާމުކުރުމަށާއި، އެހެން މީހުންގެ އަގުވެއްޓޭފަދަ އެއްވެސް ކަމެއް ނުކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.

ބެލެނިވެރިންނަށް ކުރިއަށް ގެންދިޔަ ސެޝަނުގައި، ދަރިން ފޯނު ބޭނުންކުރާގޮތް ބަލާނެގޮތާއި އެ ކުދިންގެ ފޯނު ޗެކުކުރުމުގެ މުހިންމުކަން ކިޔައިދީފައިވެއެވެ. އަދި ސޯޝަލް މީޑިއާ ފަދަ ވަސީލަތްތައް ރައްކާތެރިކޮށް ބޭނުންކުރުމާއި މިފަދަ ޕްލެޓްފޯމް ތަކުގައި ހިއްސާކުރެވިދާނެ މައުލޫމާތާއި ހިއްސާނުކުރަންވާ މައުލޫމާތު އޮޅުންފިލުވައި ދީފައިވެއެވެ.

މީގެ އިތުރުން މި އެޕްލިކޭޝަންތަކުގައި ހިމެނިފައިވާ ސޭފްޓީ ފީޗާސްތައް ކިޔައިދީ މިހާރު ސައިބަރ ސްކޭމަރުން ބޭނުންކުރަމުންދާ އުކުޅުތަކާއި، އެ ކަންކަމުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް ވަނީ ކިޔައިދީފައެވެ.

ރައްކާތެރިކޮށް އިންޓަނެޓް ބޭނުންކުރާނެގޮތް ރައްޔިތުންނަށް ބުނެދީ، ހޭލުންތެރި މުޖުތަމައެއް ބިނާކުރުމަށްޓަކައި ފުލުހުން އަންނަނީ މިފަދަ ސިލްސިލާ ސެޝަންތައް ބާއްވަމުންނެވެ.