ފޮރެންސިކް ޑައިވިންގ ކޯސް ކާމިޔާބުކަމާއެކީ ނިންމާލައިފި
"އޯޕަން ވޯޓަރ ޑައިވް، އެޑްވާންސްޑް އޯޕަން ވޯޓަރ ޑައިވް، އީ.އެފް.އާރް ރެސްކިއު ޑައިވް، އަދި ފޮރެންސިކް ޑައިވަރ ކޯސް" ކާމިޔާބުކަމާއެކީ ނިންމާލައިފިއެވެ.
މިއީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް (އެން.ސީ.ޕީ.އެލް.އީ)ގެ ދ. ވާނީ ކެމްޕަހުގައި ކުރިއަށް ގެންދިޔަ ކޯސްތަކެކެވެ.
ހަތަރު ގައުމަކުން ބައިވެރިވި 10 ފުލުހުން ވެސް ވަނީ މި ކޯސް ކާމިޔާބީއާއެކު ވަނީ ފުރިހަމަކޮށްފައެވެ.
މި ކޯހުގައި 5 ދިވެހި ފުލުހުނާއި، ސައުދީ އަރަބިއްޔާ، ކެމްބޯޑިޔާ އަދި ސްރީ ލަންކާ ހިމެނޭ ގޮތަށް 5 ފުލުހުން ބައިވެރިވިއެވެ. 40 ދުވަހުގެ މި ތަމްރީނު ކޯސް ފަށައިފައިވަނީ މި އަހަރުގެ ޖޫން މަހުގެ 1ވަނަ ދުވަހުއެވެ. މި ކޯސް ނިންމީ މިމަހުގެ 10ވަނަ ދުވަހުއެވެ.
މޫދު އަޑީގައި ތަހުގީގު ހިންގުމުގެ ގާބިލުކަން އިތުރުކޮށް، ފޮރެންސިކް ޑައިވިންގ އޮޕަރޭޝަންތަކަށް ބޭނުންވާ ފަންނީ އަދި އަމަލީ ހުނަރުތަކުން އޮފިސަރުންނަށް ތަމްރީނު ދިނުމަށް ކުރިއަށްގެންދިޔަ މި ކޯހުގައި، ތިން އިންސްޓްރަކްޓަރުން ކިޔަވައިދީފައިވާއިރު، އެހީތެރިވުމަށް ސަލާމަތީ ސުޕަވައިޒަރެއް ވެސް ހަރަކާތްތެރިވެފައިވެއެވެ.
މި ރަސްމިއްޔާތު ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ޝަރަފުވެރިކޮށްދެއްވިއިރު ކޯހުގައި ކިޔަވައިދެއްވި އިންސްޓްރަކްޓަރުންނަށާއި، ކޯހުގެ ކަންކަން ފަހިކޮށްދެއްވުމުގައި އެހީތެރިވެދެއްވި ފަރާތްތަކަށް ސެޓްފިކެޓް ވަނީ ހަވާލުކޮށްފައެވެ. ކޯސް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓާއި ބެޖް ހަވާލުކޮށްދެއްވީ ޝަރަފުވެރި މެހުމާން ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީނެވެ.

އެހެނިހެން ފަރާތްތަކަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، އެސިސްޓެންޓް ކޮމިޝަނަރ އަހުމަދު ޢަބްދުއްރަޙްމާނާއި، ޗީފް އިންސްޕެކްޓަރ ސައީދު ޢަބްދުލް ޙަކީމެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވާހަކަފުޅު ދައްކަވަމުން، ކޯސް ނިންމި ފަރާތްތަކަށް މަރުހަބާ ވިދާޅުވެ، ފޮރެންސިކް ޑައިވިންގ ފަދަ ފުލުހުންގެ ހާއްސަ ހުނަރުތަކުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.