'ކައުންސެލިންގ އެންޑް މެންޓަލް ހެލްތް ޓްރޭނިންގ' ޕްރޮގްރާމް 9 އޮފިސަރުން ފުރިހަމަކޮށްފި
ސްރީލަންކާގައި ހިންގި 'ކައުންސެލިންގ އެންޑް މެންޓަލް ހެލްތް ޓްރޭނިންގ' ޕްރޮގްރާމެއް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ 09 އޮފސަރުން ފުރިހަމަކޮށްފިއެވެ.
މިއީ ޖަލުތަކުގައި ޤައިދީންނަށް ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމުގައި ހަރަކާތްތެރިވާ އޮފިސަރުންގެ ޓީމެއް، ފުރަތަމަ ފަހަރަށް ބައިވެރިވި މިފަދަ ޕްރޮގްރާމެކެވެ.
ސްރީލަންކާގެ ނިގަންބޯގައި ހިންގި މި ޓްރޭނިންގ ޕްރޮގްރާމްއަކީ 10 ދުވަހަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. އަދި މި ޕްރޮގްރާމްގައި ކަރެކްޝަނަލް ސަރވިސްގެ ތިން ޖަލެއްގެ އިތުރުން ހެޑް އޮފީހުގެ އޮފިސަރުން ހިމެނޭ ގޮތަށް ޖުމްލަ 09 އޮފިސަރުންނާއި 01 ސިވިލް މުވައްޒަފަކު ވަނީ ބައިވެރިވެފައެވެ.
'ކައުންސެލިންގ އެންޑް މެންޓަލް ހެލްތް' ޓްރޭނިންގ ޕްރޮގްރާމްގެ ނިމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ސްރީ ލަންކާގެ ޕްރިޒަންސް ޑިޕަރޓްމަންޓްގެ ކޮމިޝަނަރ ޖަގަތު ވީރަސިންގައެވެ. އަދި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލް އުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ޓްރޭނިންގ ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ރީހެބިލިޓޭޝަން ދާއިރާގައި މަސައްކަތް ކުރާ އޮފިސަރުންނާއި މުވައްޒަފުންގެ ޤާބިލްކަން އިތުރު ކުރުމާ ކަރެކްޝަނަލް ސަރވިސްގެ ޚިދުމަތް އިތުރަށް ޚަރުދަނާކުރުމުގެ އިތުރުން، މި ޓްރޭނިންގ ޕްރޮގްރާމްގެ ނަތީޖާއެއްގެ ގޮތުން ޤައިދީން ރަނގަޅަށް ރީހެބިލިޓޭޓްކޮށް މުޖުތަމަޢުއަށް އަހުލުވެރިކުރެވިގެން ދިއުމެވެ.
މި ޓްރޭނިންގ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ސްރީ ލަންކާގެ ހެލްޕިންގ ހޭންޑް ސައިކޮލޮޖިކަލް ހޮސްޕިޓަލްއާ ގުޅިގެންނެވެ. މި ޓްރޭނިންގ ޕްރޮގްރާމްގައި ބައިވެރިވި ޓީމް ވަނީ ސްރީ ލަންކާގެ ޖެނެރަލް ސަރ ޖޯން ކޮޓެވާލާ ޑިފެންސް ޔުނިވަރސިޓީއަށް ޒިޔާރަތްކޮށްފައެވެ.