logo
banner image

އައި.ސީ.ސީ.ޕީ.އާރު. ގެ ރިވިއުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެ

އ.ދ. ގެ އިންޓަރނޭޝަނަލް ކޮވެނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (އައި.ސީ.ސީ.ޕީ.އާރު.) ގެ ދަށުން، 2022 ގައި ދިވެހިރާއްޖެއިން ހުށަހަޅާފައިވާ ދެވަނަ ޕީރިއޮޑިކް ރިޕޯޓު އ.ދ. ގެ ހިއުމަން ރައިޓްސް ކޮމިޓީން ރިވިއުކުރުމަށްޓަކައި 9 ޖުލައި 2024 އިން 10 ޖުލައި 2024 އަށް، ސްވިޓްޒަރލޭންޑްގެ ޖެނީވާގައި ބޭއްވި ރިވިއު ސެޝަންގައި ދިވެހިރާއްޖެއިން ވަނީ ބައިވެރިވެފައެވެ. މި ރިޕޯޓަކީ، އައި.ސީ.ސީ.ޕީ.އާރު. ގެ ދަށުން ކަށަވަރުކޮށްދޭ މަދަނީ އަދި ސިޔާސީ ޙައްޤުތަކާއި މިނިވަންކަން އެގޮތަށް ލިބިދިނުމަށްޓަކައި، ޖުލައި 2012 އިން މާރިޗު 2022 ގެ ނިޔަލަށް ދިވެހިރާއްޖެއިން ކޮށްފައިވާ މަސައްކަތްތަކާގުޅޭ މަޢުލޫމާތު ހިމަނައި، އ.ދ. ގެ ހިއުމަން ރައިޓްސް ކޮމިޓީއަށް ހުށަހަޅާފައިވާ ރިޕޯޓެކެވެ.

ދެ ސެޝަނަކަށް ބަހާލައިގެން ކުރިއަށްދިޔަ މި ރިވިއުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، އެޓަރނީ ޖެނެރަލްގެ އޮފީހާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒާއި، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީއާއި، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި، ޖެނީވާގައި ހުންނަ އ.ދ. ގެ އޮފީހަށް ދިވެހިރާއްޖެއިން ކަނޑައަޅައިފައި ހުންނަ ދާއިމީ މިޝަން ހިމެނޭގޮތުން، ދިވެހި ސަރުކާރުގެ ހައި-ލެވެލް ޑެލެގޭޝަނެއް ބައިވެރިވެވަޑައިގެންފައިވެއެވެ. އަދި މި ހައި-ލެވެލް ޑެލެގޭޝަންގެ ހެޑް އޮފް ޑެލެގޭޝަންގެ ގޮތުގައި އެޓަރނީ ޖެނެރަލް އަލްއުސްތާޛު އަޙްމަދު އުޝާމް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ރިވިއު ފެށުމުގެ ގޮތުން ހެޑް އޮފް ޑެލެގޭޝަން އެޓަރނީ ޖެނެރަލް އަލްއުސްތާޛު އަޙްމަދު އުޝާމް ދެއްކެވި ވާހަކަފުޅުގައި، އިސްލާމްދީނަކީ ދިވެހި ރައްޔިތުކަމުގެ މައިގަނޑު އެއް އަސާސްކަމަށާއި، އެއީ ދިވެހި މުޖުތަމަޢުގައި ބަދަލުކުރުމަށް ޖާގަ ނުދެވޭނެ އަޞްލެއްކަމަށް ވިދާޅުވެފައިވެއެވެ. އަދި ދިވެހިރާއްޖޭގެ ހިންގުމުގެ ނިޒާމާއި، ޤާނޫނީ އޮނިގަނޑު ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށް އަލި އަޅުއްވާލައްވައި، ދިވެހިރާއްޖޭގައި އައި.ސީ.ސީ.ޕީ.އާރު. ގެ ޙައްޤުތައް ލިބިދެވޭނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ދިވެހިރާއްޖޭގެ ޤާނޫނުތަކާއި، އިސްލާމްދީނުގެ އަޞްލުތަކާ އެއްގޮތްވާ ގޮތުގެމަތިންކަމަށް ފާހަގަކުރައްވާފައިވެއެވެ.

މި ރިވިއު ސެޝަނަށްފަހު، ދިވެހި ސަރުކާރުގެ ރިޕޯޓާއި، ރިވިއު ސެޝަންގައި އ.ދ. ގެ ހިއުމަން ރައިޓްސް ކޮމިޓީއާ ޙިއްސާކުރެވުނު މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް، ކޮމިޓީގެ ކޮންކްލޫޑިންގ އޮބްސަރވޭޝަންތަކާއި ރިކޮމެންޑޭޝަންތައް 19 ޖުލައި 2024 ގައި ދިވެހި ސަރުކާރާ ޙިއްސާކުރައްވާނެއެވެ.