ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން ދައުލަތުގެ އެކި އިދާރާތަކަށް ފޯރުކޮށްދީފައިވާ ކަމަށް ބުނާ ޚިދުމަތްތަކަށް ދައްކަންޖެހޭ ފައިސާ ހޯދުމަށް ޝަރީޢަތަށް ހުށަހަޅާފައިވާ މައްސަލަތަކާ ގުޅިގެން އެ ކުންފުނިން ޞައްޙަ ނޫން ލިޔެކިޔުންތަކެއް ޝަރީޢަތަށް ހުށަހަޅާފައިވާ ކަމަށް ތުހުމަތުކުރެވޭތީ، އެ މައްސަލަ ތަޙުޤީޤުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގައި އެދެފި
ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން ދައުލަތުގެ އިދާރާތަކަށް ފޯރުކޮށްދީފައިވާ ކަމަށް ބުނާ ޚިދުމަތްތަކަށް ފައިސާ ހޯދުމަށް އެދި ދިވެހި ދައުލަތުގެ މައްޗަށް ރައްދުވާ ގޮތަށް ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ބައްލަވާފައިވާ މައްސަލަތަކުގެ ތެރެއިން 2 (ދޭއް) މައްސަލައެއްގައި ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސިވިލް ކޯޓަށް ޞައްޙަ ނޫން ލިޔެކިޔުންތަކެއް ހުށަހަޅާފައިވާ ކަމަށް ޤަބޫލުކުރެވޭތީ، މި މައްސަލަ ތަޙްޤީޤްކޮށްދެއްވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގައި މި އޮފީހުގެ ފަރާތުން މިހާރު ވާނީ އެދިފައެވެ.
ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން 2006 ވަނަ އަހަރާއި 2008 ވަނަ އަހަރު ފޯރުކޮށްދީފައިވާ ކަމަށް ބުނާ ޚިދުމަތްތަކަށް ފައިސާ ހޯދުމުގެ ގޮތުން ދިވެހި ދައުލަތަށް ރައްދުވާ ގޮތަށް ޖުމްލަ 3 (ތިނެއް) މައްސަލައެއް މިހާތަނަށް ސިވިލް ކޯޓަށް ހުށަހަޅާފައިވެއެވެ. އެއީ، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓަށް ސަޕްލައިކޮށްދީފައިވާ ކަމަށް ބުނާ ކަޅުހަންތަކަކާ ގުޅޭ 1 (އެކެއް) މައްސަލައާއި، ޑިޕާޓްމަންޓް އޮފް މެޑިކަލް ސަރވިސަސްއަށް ސަޕްލައިކުރި ކަމަށް ބުނާ މެޑިކަލް އިކުއިޕްމަންޓްތަކަކާ ގުޅޭ 2 (ދޭއް) މައްސަލައެކެވެ.
އެގޮތުން، ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން ދިވެހި ދައުލަތުގެ މައްޗަށް ރައްދުވާ ގޮތަށް ހުށަހަޅާފައިވާ މައްސަލަތަކުގައި، ދައުލަތާއި އެކުންފުންޏާ ދެމެދު ކޮށްފައިވާކަމަށް އެ ކުންފުނިން ބުނާ މުޢާމަލާތްތައް ހިނގާފައިވާކަން ސާބިތުކުރުމަށް އެ ކުންފުނިން ކޯޓަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކާމެދު ސުވާލު އުފެދޭތީ، ދައުލަތުން އެ ކުންފުންޏަށް އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭކަމަށް ކަނޑައަޅުއްވައިދެއްވުމަށް މި މައްސަލަތަކުގައި ދައުލަތުން ހުށަހެޅި ޖަވާބުތަކުގައި އެދިފައިވާނެއެވެ. އަދި މި މުޢާމަލާތްތަކާ ގުޅޭ މައްސަލަތަކާ ގުޅިގެން ސިވިލް ކޯޓުންނާއި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމަވާފައިވާ ނިންމެވުންތައް ދައުލަތުން ވަނީ އިސްތިއުނާފުކޮށްފައެވެ.
ހަމައެއާއެކު، މި މައްސަލަތަކާ ގުޅިގެން ދައުލަތުގެ ހުރި ކަންބޮޑުވުންތައް އޮޑިޓަރ ޖެނެރަލްގެ އޮފީހާ ޙިއްޞާކޮށް، ކުރެވުނު މަޝްވަރާތަކުގައި މި މައްސަލަތަކާ ގުޅޭ ޚާއްޞަ އޮޑިޓެއް ތައްޔާރުކޮށްދެއްވުމަށް މި އޮފީހުން އެދުމުން، އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކުރިއަށްގެންދަވާ ޚާއްޞަ އޮޑިޓްގައި އެ އޮފީހަށް މިހާތަނަށް ފާހަގަކުރެވިފައިވާ ކަންކަން ހިމެނޭ ޕްރިލިމިނަރީ ރިޕޯޓެއް މި އޮފީހާ ޙިއްޞާކުރައްވާފައިވެއެވެ.
އެގޮތުން، ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓަށް ޞައްޙަ ނޫން އިންވޮއިސްއެއް ހުށަހަޅާފައިވާ ކަމާއި، ދިވެހިރާއްޖެ އެތެރެކޮށްފައިނުވާ ބައެއް މެޑިކަލް އިކުއިޕްމަންޓްތައް ޑިޕާޓްމަންޓް އޮފް މެޑިކަލް ސަރވިސަސްއަށް ސަޕްލައިކޮށްދީފައިވާ ކަމަށް އެ ކުންފުނިން ހުށަހަޅާފައިވާ ޑެލިވަރީ ނޯޓުތަކާއި އިންވޮއިސްތަކުގައި ބަޔާންކޮށްފައިވާކަން އެ އޮޑިޓުން މިހާތަނަށް ފާހަގަކުރެވިފައިވާ ކަމާއި، މި މައްސަލަތަކާ ގުޅިގެން ޖިނާއީ ތަޙުޤީޤެއް ކަމާގުޅުންހުރި އިދާރާތައް މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ފެނިވަޑައިގަންނަވާ ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ލަފާދެއްވާފައިވެއެވެ.
އެހެންކަމުން، މި މައްސަލަތަކާ ގުޅިގެން ޖިނާއީ ތަޙުޤީޤެއްކުރުން މުހިއްމު ކަމަށް މި އޮފީހަށް ވެސް ފެންނާތީ، ވީ އެންމެ އަވަސް ފުރުޞަތެއްގެ ތެރޭގައި މި މައްސަލަ ތަޙުޤީޤުކޮށްދެއްވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގައި މި އޮފީހުން ވާނީ އެދިފައެވެ.