logo
banner image

އައްޔަ: "ސްކޫލު ދައުރުގައި މާ މަތީ ސަނަދެއް ނުލިބުނަސް، މާ މަތީ މާކުހެއް ނުލިބުނަސް ދެރަވާކަށް ނުޖެހޭ. ބޭނުންވަނީ ނުގުޑާފަދަ އަޒުމަކާއި ހިތްވަރެއް."

ޢަލީ ޝަފީޤު، ނުވަތަ ގިނަ މީހުން ކިޔާ ގޮތުންނަމަ އައްޔައަކީ ހަމައެކަނި ޑައިވަރެއް ނޫނެވެ. އޭނާއަކީ މީހުން ބިނާކުރާ މީހެކެވެ. ހަތް އަހަރު ކުރިން، އޭނާ ކަމަދޫ ޑައިވް ސެންޓަރުގެ ދޮރުތައް ހުޅުވާލީ އެންމެ ހުވަފެނަކާ އެކުގައެވެ: ޒުވާނުންނަށް އާ ފުރުޞަތުތައް ފަހިކޮށްދިނުމަށެވެ.

އަހަރުތަކެއް ކުރިން، އައްޔަ ނިންމީ ޑައިވިންގެ ދާއިރާއިން އޭނާގެ ހުނަރާއި ތަޖުރިބާ ބޭނުންކޮށްގެން ޒުވާނުންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނައުމަށެވެ. އޭނާގެ ވިސްނުމަކީ ހަމައެކަނި ޑައިވިންގ ދަސްކޮށްދިނުމެއް ނޫނެވެ. އޭނާ ބޭނުންވަނީ ޒުވާނުންނަށް އެމީހުންގެ ދިރިއުޅުމުގައި މަޤްޞަދަކާއި މިސްރާބެއް ހޯދައިދިނުމަށެވެ. އައްޔަ ބުނާ ގޮތުގައި ސްކޫލު ދައުރުގައި މާ މަތީ ސަނަދެއް ނުލިބުނަސް، މާ މަތީ މާކުހެއް ނުލިބުނަސް ދެރަވާކަށް ނުޖެހެއެވެ. ބޭނުންވަނީ ނުގުޑާފަދަ އަޒުމަކާއި ހިތްވަރެކެވެ.

އައްޔަގެ މަސައްކަތުގެ ސަބަބުން، އެތައް ޒުވާނުންނެއްގެ ދިރިއުޅުމަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އައްޔަގެ އެންމެ ބޮޑު އުފަލަކީ އޭނާ ތަމްރީނުކުރި ޒުވާނުން، އޭނާގެ އެހީތެރިކަމާއެކު މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ރިސޯޓުތަކާއި، ސަފާރީތަކާއި، އަދި ރަށްރަށުގެ ޑައިވް ސެންޓަރުތަކުގައި މަސައްކަތްކުރަމުންދާ މަންޒަރު ފެނުން ކަމަށް އޭނާ އުފަލާއެކު ފާހަގަކުރެއެވެ. މިއަދު އެޒުވާނުންނަކީ ކާމިޔާބު އަދި މަސައްކަތަށް ކުޅަދާނަ ފަރާތްތަކެކެވެ.

އައްޔަ މިއަދުގެ ޒުވާނުންނާއި މުޖުތަމަޢަށް ދެނީ ވަރަށް ސާފު މެސެޖެކެވެ. "ވީ ތަނަކުން، ޝައުގުވެރިކަން ހުރި ދާއިރާއަކުން ކިޔަވައިގެން، ނިކުމެ އަވަހަށް މަސައްކަތްކުރޭ. ކޮންމެ ކަމެއްވެސް ކުރިއަށް ގެންދެވެނީ ހަމަ ތި ޒުވާނުންނަށް"

އައްޔަގެ ހަޔާތަކީ އެތައް ޒުވާނުންނެއްގެ ދިރިއުޅުމަށް އައު އުންމީދެއް ގެނެސްދިން ވާހަކައެކެވެ. އޭނާގެ ހިތްވަރާއި ވިސްނުމުގެ ސަބަބުން، އެތައް ބަޔަކަށް އާ ފެށުމެއް ލިބި، އެމީހުންގެ ކުރިމަގު އުޖާލާވެގެން ގޮސްފައިވެއެވެ. އައްޔައަކީ ގެއްލިފައިވާ އުންމީދުތަކަށް ހިޔާވަހިކަން ހޯދައިދިނުމުގައި ވަރުބަލިކަމެއްނެތި މަސައްކަތްކުރަމުން އަންނަ ހީވާގި މޭސްތިރިއެކެވެ.