ލާމަރުކަޒީ ނިޒާމުގައި ކުރިއަށްދާންވީ މަގު އެ މަނިކުފާނަށް ދައްކައިދެއްވީ އެލްޖީއޭއިން ކަމަށް މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެ
ލާމަރުކަޒީ ނިޒާމުގައި ކުރިއަށްދާންވީ މަގު އެ މަނިކުފާނަށް ދައްކައިދެއްވީ އެލްޖީއޭއިން ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އަދި އެލްޖީއޭ ބޯޑުގެ ރައީސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެންވިދާޅުވީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ 2023 ވަނަ އަހަރުގެ ސްޓާފް އެވޯޑު ދިނުމުގެ ހަފުލާ ޝަރަފުވެރި ކޮށްދެއްވާ މިރޭ ދެއްކެވި ވާހަކަފުޅުގައެވެ.
އެލްޖީއޭގެ 2023 ވަނަ އަހަރުގެ ސްޓާފް އެވޯޑުދިނުމަށް މިރޭ މާގިރި ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވިދާޅުވީ ފެހި ޤާނޫނު އަސާސީގެ ދަށުން އަލަށް އުފެއްދެވި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްގެ މިނިސްޓަރަކަށް އެ މަނިކުފާނު އައްޔަންކުރެއްވިތާ ފުރަތަމަ ހަފުތާތެރޭ އެލްޖީއޭއިން އަންގަވައިގެން ބ. އަތޮޅަށް ކުރެއްވި ދަތުރަކީ ލާމަރުކަޒީ ނިޒާމުގައި ހުރި ހުރިހައި ކަމެއް، މަސައްކަތްކުރަންވީ ގޮތާއި، ހުރި މައްސަލަތަކާއި، މިހާ ހިސާބަށް އައިއިރު ކައުންސިލްތަކުން ތަޖުރިބާކުރި ކަންތައްތަކާއި، ދެންދާންވީ ހިސާބު ވަރަށް ރަނގަޅަށް ސާފުވެގެން ދިޔަ ދަތުރެއް ކަމަށެވެ.
"އެލްޖީއޭއަކީ އަޅުގަނޑުމެން ޙަޤީޤަތުގައި ވެސް ފަޚުރުވެރިވާންޖެހޭ މުއައްސަސާއެއް. މުއައްސާސާގެ މަސައްކަތްތައް މިހާ ހިސާބަށް މި އައީ ލީޑަރޝިޕް ކޮލިޓީ ހުރި ވަރަށް ގިނަ ބޭފުޅުންތަކެއް މަސައްކަތްކުރައްވައިގެން" މިނިޓަރ ވިދާޅުވިއެވެ.
ތަފްޞީލްދެއްވަމުން މިނިސްޓަރ ވިދާޅުވީ އެލްޖީއޭގައި މިހާރު ތިއްބެވި މުވައްޒަފުން ޖަވާހިރުތަކަކަށް ހައްދަވައި ދެއްވީ އެ ތަނުގައި ކުރިން މަސައްކަތްކުރެއްވި ލީޑަރޝިޕް ކޮލިޓީ ހުންނެވި ބޭފުޅުން ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމަށް މިއަދު ލިބިފައިވާ އެންމެ ބޮޑު ޙިމާޔަތަކީ އެލްޖީއޭގެ މުވައްޒަފުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.