އެސެޓް ރިކަވަރީ ބިލަކީ އަޅުގަނޑުމެން ވަރަށް އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތެއް، މި އަހަރުގެ ތެރޭގައި އެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނަން: ބަންޑާރަނައިބު އުޝާމް
އެސެޓް ރިކަވަރީ ބިލަކީ ވަރަށް އިސްކަމެއް ދީގެން ކުރައްވަމުން ގެންދަވާ މަސައްކަތެއް ކަމުގައި ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ. ބަންޑާރަނައިބު އުޝާމް މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ ގުޅިގެން ކުރިއަށް ގެންދެވި "އަހާ" ފޯރަމްގައި ޢާންމު ފަރާތަކުން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ގެއްލިފައި ހުރި ދައުލަތުގެ މުދާތަކުގެ ހަމަ އަގު ދައުލަތަށް ހޯދުމުގެ މަސައްކަތްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވަން ބޭނުންފުޅުވާ މަސައްކަތެއް ކަމުގައި ބަންޑާރަނައިބު އުޝާމް ވިދާޅުވިއެވެ. އަދި، އެންޓި ކޮރަޕްޝަން ކޮމިޝަންއިން ބޭރު ބައެއްގެ އެހީތެރިކަމާއެކު ޑްރާފްޓުކޮށްފައިވާ ބިލެއް ރިވިއުކޮށް، އިތުރު ދިރާސާތަކެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބަންޑާރަނައިބު އުޝާމް ފާހަގަކުރެއްވިއެވެ.
އަޅުގަނޑުމެން ވަރަށް އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތެއް އެސެޓް ރިކަވަރީ ބިލެއްގެ މަސައްކަތަކީ. އެނގިވަޑައިގަންނަވާނެފަދައިން ވޭތުވެދިޔަ ސަރުކާރުތަކުގައި ދައުލަތުގެ މުދާ ނުއަގުގައި އެކިއެކި ފަރާތްތަކަށް ބަހާފައި އެބަހުރި. ހަމައެއާއެކު ދައުލަތުގެ އެސެޓްތައް ބޭނުންކޮށްގެން އެކިއެކި ފަރާތްތަކުން އޭގެ ބޮޑެތި ފައިދާތަކެއް ނަގަމުންދިޔަ ބޮޑެތި މައްސަލަތަކެއް ވެސް އަޅުގަނޑުމެންނަށް ފެނިގެން ގޮސްފި
ބަންޑާރަނައިބު އުޝާމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ބިލުގެ ސިޔާސަތުތައް އެކުލަވާލުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރިއަށެވެ. އެގޮތުން މި ބިލުގައި ސިވިލް އެސެޓް ރިކަވަރީ އަދި ކްރިމިނަލް އެސެޓް ރިކަވަރީ ހިމެނޭ ގޮތަށް، ކުށްކޮށްގެން ހޯދާ ފައިސާއާއި އެސެޓްތައް ދައުލަތަށް ނެގުމަށްޓަކައި މިހާރަށް ވުރެ ހަރުދަނާ ޤާނޫނީ އޮނިގަނޑެއް އެކުލަވާލެވިގެންދާނެއެވެ.
މި އަހަރުގެ ތެރޭގައި އެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެކަމަށާއި މަސައްކަތް ކުރައްވަމުން ގެންދަވަނީ ރައްޔިތުންގެ މަޖިލީހުގެ ދެންފެށޭ ދައުރަކަށް އެ ބިލު ހުށަހެޅުމަށް ކަމުގައިވެސް ބަންޑާރަނައިބު އުޝާމްގެ ޖަވާބުގައި ފާހަގަކުރެއްވިއެވެ.
ޕަބްލިކް ސަރވިސް މީޑިއާގައި ކުރިއަށްގެންދިޔަ ފޯރަމުގައި ރައްޔިތުންނަށް މަޢުލޫމާތު ދެއްވުމަށާއި، ސުވާލުތަކަށް ޖަވާބު ދެއްވުމަށް ބައިވެރިވެވަޑައިގެންނެވި ފަސް ވަޒީރުންނަކީ، ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމްގެ އިތުރުން، ހޯމް މިނިސްޓަރ އަލީ އިޙުސާނާއި، އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު އަދި ފިޝަރީޒް މިނިސްޓަރ އަޙުމަދު ޝިޔާމްއާއި އެގްރިކަލްޗަރ މިނިސްޓަރ ޑރ. މަރިޔަމް މާރިޔާއެވެ.