ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ތެރޭގައި ބަންޑާރަނައިބުގެ އޮފީހުން ވަރަށް މުހިންމު 11 ބިލެއް ވާނީ މަޖިލީހަށް ފޮނުވާފައި: ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް
ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ތެރޭގައި ބަންޑާރަނައިބުގެ އޮފީހުން ވަރަށް މުހިންމު 11 ބިލެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާނެ ކަމަށް ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ބަންޑާރަނައިބު އުޝާމް މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ ގުޅިގެން "އަހާ" ގެ ނަމުގައި ސިލްސިލާކޮށް ބާއްވާ ފޯރަމްގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.
ބަންޑާރަނައިބު އުޝާމް ފާހަގަކުރެއްވި ގޮތުގައި ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ 11 ބިލުގެ އިތުރުން، މިއަހަރުގެ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ދައުރުތަކުގެ ތެރޭގައި އިތުރު ތިރީހަކަށް ބިލު ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމުގެ މަސައްކަތް ބަންޑާރަނައިބުގެ އޮފީހުން މިހާރުވެސް ދަނީ ކުރަމުންނެވެ.
އަހާ ފޯރަމްއަކީ ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާ ބެހޭ މައުލޫމާތު ޙިއްޞާކޮށް ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބުދެއްވުމަށް ބާއްވާ ފޯރަމްއެކެވެ. މިއީ، ރައްޔިތުންގެ ސުވާލުތަކަށް ރައީސުލްޖުމްހޫރިއްޔާ އަދި ވަޒީރުން ވަގުތުން ޖަވާބު ދެއްވުމަށް ސިލްސިލާ ޕަބްލިކް ފޯރަމްތަކެއް ރާއްޖޭގައި މިގޮތަށް ބާއްވަމުން ގެންދާ ފުރަތަމަ ފަހަރެވެ.
ރޭ ބޭއްވުނު ފޯރަމްގައި ބަންޑާރަނައިބު އުޝާމްގެ އިތުރުން ހަތަރު ވަޒީރަކު ބައިވެރިވެ ވަޑައިގެންނެވިއެވެ. އެބޭފުޅުންގެ ތެރޭގައި ހޯމް މިނިސްޓަރ އަލީ އިޙުސާނާއި، އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު އަދި ފިޝަރީޒް މިނިސްޓަރ އަޙުމަދު ޝިޔާމްގެ އިތުރުން އެގްރިކަލްޗަރ މިނިސްޓަރ ޑރ. މަރިޔަމް މާރިޔާ ހިމެނިވަޑައިގަންނަވައެވެ.