logo
banner image
ދިފާޢީ ވުޒާރާ

ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބައެއް ރަށްތަކުގައި ބޭއްވި ކުޑަކުދިންގެ ހަވީރުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ބައިވެރިވެއްޖެ

ބައިނަލްއަގުވާމީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަށް ނިސްބަތްވާ ބައެއް ރަށްރަށުގައި ގައުމީ ފެންވަރުގައި ބޭއްވި ކުޑަކުދިންގެ ހަވީރުގައި އެ އޭރިއާ ކޮމާންޑުން ބައިވެރިވެއްޖެވެ.

މި ގޮތުން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސިފައިން ވަނީ، އައްޑޫ ސިޓީ ހިތަދޫ، ހުޅުމީދޫ އަދި ތިނަދޫސިޓީގައި މޭ 10ވަނަ ދުވަހު ގައުމީ ފެންވަރުގައި ބޭއްވި ކުޑަކުދިންގެ ހަވީރުތަކުގައި އެމްއެންޑީއެފްގެ ސްޓޯލްތައް ބަހައްޓައި، މުޖުތަމައުގެ ބައިވެރިވުން އިތުރުކުރުމުގެ ގޮތުން ކުޑަކުދިންނަށް އުފާވެރިކަން ގެނެސްދިން ބައެއް ހަރަކާތްތައް ކުރިއަށްގެންގޮސްފައެވެ.

އެ ރަށްރަށުގެ ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ މި ކުޑަކުދިންގެ ހަވީރުތަކުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސިފައިން ވަނީ، ކުޑަކުދިންނާ ގުޅޭ އިންޓަރެކްޓިވް ހަރަކާތްތަކާއި، ކުޑަކުދިންގެ މެދުގައި އުފެއްދުންތެރިކަމާއި ގުޅުންބަދަހި ކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ. ކުޑަކުދިންގެ މެދުގައި ބޮޑު ތަރުހީބެއް ލިބިގެންދިޔަ އެމްއެންޑީއެފްގެ ސްޓޯލްތަކުން ވަނީ، މުޖުތަމަޢުގައި އަސްކަރީ ޚިދުމަތުން އަދާކުރާ މުހިންމު ދައުރާ މެދު ކުޑަކުދިންގެ ޝައުޤުވެރިކަން އުފެއްދުމުގެ ގޮތުން ހަރަކާތްތައް ހިންގައި، ކުޑަކުދިންނަށް އަސްކަރީ ޔުނީފޯމްތައް އެޅުމުގެ ފުރުސަތު ދީ، ޤައުމީ ސަލާމަތުގައި އެމްއެންޑީއެފުން އަދާކުރާ މުހިންމު ދައުރު ހިތްތަކަށް ވައްދައިދިނުމުގެ ގޮތުން ރޯލް ޕްލޭކޮށް ފޮޓޯ ނެގުމުގެ ފުރުސަތު އެ ކުދިންނަށް ފަހިކޮށްދީފައިވެއެވެ.

އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަށް ނިސްބަތްވާ ބައެއް ރަށްރަށުގައި ބޭއްވި ކުޑަކުދިންގެ ހަވީރުގައި އެ ކޮމާންޑުން ކުރިއަށްގެންދިޔަ ހަރަކާތްތަކަށް ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިފައެވެ.