ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބައެއް ރަށްތަކުގައި ބޭއްވި ކުޑަކުދީންގެ ހަވީރުގައި ނޮދަން އޭރިއާ ކޮމާންޑުން ބައިވެރިވެއްޖެ
ބައިނަލްއަގުވާމީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑަށް ނިސްބަތްވާ ބައެއް ރަށްރަށުގައި ގައުމީ ފެންވަރުގައި ބޭއްވި ކުޑަކުދިންގެ ހަވީރުގައި އެ އޭރިއާ ކޮމާންޑުން ބައިވެރިވެއްޖެވެ.
މި ގޮތުން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ސިފައިން ވަނީ، ކުޅުދުއްފުށި ސިޓީ، ހދ.ހަނިމާދޫ، އަދި ޅ.ހިންނަވަރުގައި މޭ 10 ވަނަ ދުވަހު ގައުމީ ފެންވަރުގައި ބޭއްވި ކުޑަކުދިންގެ ހަވީރުތަކުގައި އެމްއެންޑީއެފްގެ ސްޓޯލްތައް ބަހައްޓައި، މުޖުތަމައުގެ ބައިވެރިވުން އިތުރުކުރުމުގެ ގޮތުން ކުޑަކުދިންނަށް އުފާވެރިކަން ގެނެސްދިން ބައެއް ހަރަކާތްތައް ކުރިއަށްގެންގޮސްފައެވެ.
އެ ރަށްރަށުގެ ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ މި ކުޑަކުދިންގެ ހަވީރުތަކުގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ސިފައިން ވަނީ، ކުޑަކުދިންނާ ގުޅޭ އިންޓަރެކްޓިވް ހަރަކާތްތަކާއި، ކުޑަކުދިންގެ މެދުގައި އުފެއްދުންތެރިކަމާއި ގުޅުންބަދަހި ކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ. ކުޑަކުދިންގެ މެދުގައި ބޮޑު ތަރުހީބެއް ލިބިގެންދިޔަ އެމްއެންޑީއެފްގެ ސްޓޯލްތަކުން ވަނީ، މުޖުތަމަޢުގައި އަސްކަރީ ޚިދުމަތުން އަދާކުރާ މުހިންމު ދައުރާ މެދު ކުޑަކުދިންގެ ޝައުޤުވެރިކަން އުފެއްދުމުގެ ގޮތުން ހަރަކާތްތައް ހިންގައި، ކުޑަކުދިންނަށް އަސްކަރީ ޔުނީފޯމްތައް އެޅުމުގެ ފުރުސަތު ދީ، ޤައުމީ ސަލާމަތުގައި އެމްއެންޑީއެފުން އަދާކުރާ މުހިންމު ދައުރު ހިތްތަކަށް ވައްދައިދިނުމުގެ ގޮތުން ރޯލް ޕްލޭކޮށް ފޮޓޯ ނެގުމުގެ ފުރުސަތު އެ ކުދިންނަށް ފަހިކޮށްދީފައެވެ.
އެމްއެންޑީއެފުން ކުރިއަށްގެންދިޔަ ސްޓޯލްތަކަށް، އެ ހަވީރަށް ޒިޔާރަތްކުރި ބެލެނިވެރިންނާއި އިންތިޒާމް ކުރި ފަރާތްތަކުން ވަނީ ތަޢުރީފުކޮށްފައެވެ.