logo
banner image

ބަންޑާރަނައިބުގެ އޮފީހުގެ ރެކްރިއޭޝަން ކްލަބުން އިންތިޒާމްކޮށްގެން ބާއްވާ 'ބަންޑާރަ ކަޕް' މިއަދު ފަށާނެ

ބަންޑާރަނައިބުގެ އޮފީހުގެ ރެކްރިއޭޝަން ކްލަބް، ބަންޑާރަ ކްލަބުން އިންތިޒާމްކޮށްގެން ބާއްވާ 'ބަންޑާރަ ކަޕް' ގެ 4 ވަނަ އެޑިޝަން މިއަދު ހަވީރު ފައްޓާނެއެވެ.

މި މަހުގެ 8 އިން 17 ގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތް އޮންނާނީ ހެންވޭރު ބޯޅަ ދަނޑުގައި ހަވީރާއި ރޭގަނޑުއެވެ. މި އަހަރުގެ މުބާރާތުގައި ފިރިހެން ޑިވިޜަނުގައި 13 ޓީމާއި، އަންހެން ޑިވިޜަނުގައި 11 ޓީމު ވާދަކުރެއެވެ. ގްރޫޕް ސްޓޭޖްގެ މެޗުތައް މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

މި ފަހަރުގެ މުބާރާތުގައި ފިރިހެން ޑިވިޜަނުގައި، ގްރޫޕް އޭ ގައި ހިމެނެނީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ 'ކްލަބް 220' އާއި، ސިވިލް ކޯޓުގެ 'ކްލަބް ސީ.ވީ.ސީ.' އާއި، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 'އޭ.ޖީ.އޯ.އާރު.ސީ.' ގެ އިތުރުން، ޕްރައިވެޓް ބަރ ގެ ވަކީލުންގެ މައްޗަށް އެކުލެވޭ 'ޓީމް ސޫޖީ' އެވެ.

ގްރޫޕް ބީ ގައި، ކްރިމިނަލް ކޯޓަށް ނިސްބަތްވާ 'ޓީމް ސީ.އާރު.ސީ.' އާއި، ޤާނޫނީ ފަރމް ސީ.އެލް.އޭ. ޕާރޓްނަރސް އަށް ނިސްބަތްވާ 'ޓީމް ކްލެޕް' އާއި، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ރެކްރިއޭޝަން ކްލަބް 'މީރާ އާރު.ސީ.' ގެ އިތުރުން، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ 'ޕެންޝަން އާރު.ސީ.' ހިމެނެއެވެ.

ގްރޫޕް ސީ ގައި ހިމެނެނީ، ފިރިހެން ޑިވިޜަނުގެ އެންމެފަހުގެ ޗެމްޕިއަން ކަމުގައިވާ ޑްރަގް ކޯޓުގެ 'ޓީމް ޑީ.ސީ.' އާއި، މުބާރާތް އިންތިޒާމްކުރާ ބަންޑާރަނައިބުގެ އޮފީހުގެ 'ބަންޑާރަ ކްލަބް' އާއި، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ 'އޭ.ސީ.ސީ.އާރު.ސީ.' އާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ 'އެޗް.އާރު.އާރު.ސީ.' ގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ރެކްރިއޭޝަން ކްލަބް 'ޕެމާ' އެވެ.

އަންހެން ޑިވިޜަނުގެ ގްރޫޕް އޭ ގައި ހިމެނެނީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ 'ކްލަބް ޖޭ.އެސް.ސީ.' އާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލާއި ޑްރަގް ކޯޓަށް ނިސްބަތްވާ 'ޓީމް ވީ.ޓީ.އާރު-ޑީ.ސީ.' އާއި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ 'އޭ.ސީ.ސީ.އާރު.ސީ.' އެވެ.

ގްރޫޕް ބީ ގައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ 'ކްލަބް 220' އާއި، ސިވިލް ކޯޓުގެ 'ކްލަބް ސީ.ވީ.ސީ.' އާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ 'އެޗް.އާރު.އާރު.ސީ.' އާއި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ރެކްރިއޭޝަން ކްލަބް 'މީރާ އާރު.ސީ." ހިމެނެއެވެ.

ގްރޫޕް ސީ ގައި ހިމެނެނީ، އަންހެން ޑިވިޜަނުގެ އެންމެފަހުގެ ޗެމްޕިއަންކަން ހޯދި ކްރިމިނަލް ކޯޓުގެ 'ޓީމް ސީ.އާރު.ސީ.' އާއި، ސީ.އެލް.އޭ. ޕާރޓްނަރސް އަށް ނިސްބަތްވާ 'ޓީމް ކްލެޕް' އާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރެކްރިއޭޝަން ކްލަބް 'ޕީ.އޯ.އެސް.ސީ.' އާއި ބަންޑާރަ ކްލަބެވެ.

ދިވެހިރާއްޖޭގެ ޝަރުޢީ އަދި ޤާނޫނީ ދާއިރާގައި ހިމެނޭ ދައުލަތުގެ މުއައްސަސާތަކާއި، ޤާނޫނީ ޚިދުމަތްދޭ އަމިއްލަ ފަރާތްތަކަށް ޚާއްޞަކޮށްގެން، އެ މުއައްސަސާތަކާއި ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި ގުޅުން ބަދަހިކޮށް، ކުޅިވަރުގެ ވާދަވެރި މާޙައުލެއްގައި އެކުވެރިކަން އާލާކުރުމުގެ މަޤްޞަދުގައި ބަންޑާރަނައިބުގެ އޮފީހުގެ ބަންޑާރަ ކްލަބުން 2022 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި މުބާރާތަށް މިއަހަރުވެސް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.