ނިމިދިޔަ އެޕްރީލް މަހުގައި ބަންޑާރަނައިބުގެ އޮފީހުން ކޮށްފައިވާ މަސައްކަތްތަކުގެ އަދާހަމަ
ބަންޑާރަނައިބުގެ އޮފީހުން ކުރާ މަސައްކަތްތަކުގެ އަދާހަމަ މި އޮފީހުގެ މީސް މީޑިއާގެ އެކައުންޓްތަކުން މިދިޔަ އެޕްރީލް މަހުން ފެށިގެން ވަނީ ހާމަކުރަން ފައްޓާފައެވެ.
އެގޮތުން، ކޮންމެ ހަފްތާއަކުވެސް ކުރެވޭ މަސައްކަތްތަކުގެ ޢަދަދުތައް ހާމަކުރަމުން ދަނީ މި އޮފީހުގެ މަސައްކަތްތައް ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނާ ހިއްސާކުރުމަށްޓަކައެވެ.
މި މުއްދަތުގައި ބަންޑާރަނައިބު އޮފީހުން ވަނީ 9 މައްސަލައެއް ކޯޓަށް ހުށަހަޅާ، އެކި މައްސަލަތަކުގައި 104 ކޯޓު އަޑުއެހުމެއްގައި ބައިވެރިވެފައިވެއެވެ.
އޭގެ އިތުރުން، ޤާނޫނީ 87 މައްސަލައަކަށް ޤާނޫނީ ލަފާ ވަނީ ފޯރުކޮށްދީފައެވެ. މިމަސައްކަތަކީ މި އޮފީހުގެ ލީގަލް އެފެއާޒް ޑިވިޜަންގެ މައިގަނޑު މަސައްކަތެވެ. އެގޮތުން، ސަރުކާރާއި އަދި ދައުލަތަށް ޤާނޫނީ ކަންކަމުގައި ބޭނުންވާ ޤާނޫނީ ލަފާ ދިނުމާއި ސަރުކާރުގެ އޮފީސްތަކުން އެކުލަވާލައި ގަވާއިދުތަކުގެ ދެލިކޮޕީތައް ބަލައި އެގަވާއިދުތަކަށް ޢަމަލުކުރަންފެށުމާއިބެހޭ ގޮތުން ޤާނޫނީ ލަފާދިނުމާއި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާ ބިލުތައް ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމުގެ ކުރިން ޤާނޫނީ ލަފާ ދިނުމުގެ އެންމެހައި މަސައްކަތްތައް ކުރާނީ މި ޑިވިޜަންއިންނެވެ.
މީގެ އިތުރުން، 31 ފަރާތަކަށް ލީގަލް އެއިޑް ފޯރުކޮށްދީފައިވާކަމަށްވެސް ވަނީ ހާމަކޮށްފައެވެ. ލީގަލް އެއިޑް ފޯރުކޮށްދިނުމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 53 ވަނަ މާއްދާގެ (ށ) އާއި، ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 51 ވަނަ މާއްދާގެ (ބ) އަށް ރިޢާޔަތްކޮށް، ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންގެ ތެރެއިން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭ ފަދަ މާލީ ތަނަވަސްކަމެއް ނެތް މީހުންނަށް ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ބަންޑާރަނައިބު އޮފީހަށް މަތިކޮށްފައިވާ ޒިންމާއެކެވެ.
ބަންޑާރަނައިބު އޮފީހުން މި މަޢުލޫމާތުތައް ހާމަކުރަން ފަށާފައިވަނީ، ޢަދުލު އިންސާފާއި ޤާނޫނުގެ ވެރިކަން ނެގެހެއްޓުމަށްޓަކައި މި އޮފީހުން ކުރަމުންގެންދާ މަސައްކަތްތަކުގެ މަޢުލޫމާތު ރައްޔިތުންނާ ހިއްސާކުރުމުގެ މަޤްޞަދުގައެވެ. މިއީ މި އޮފީހުގެ މަސައްކަތްތައް އިތުރަށް ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމަށް އަޅާފައިވާ މުހިންމު ފިޔަވަޅެއްކަމަށް ވެސް ފާހަގަކުރެވެއެވެ.