logo
banner image

ގްރޫޕް އެޗްގެ ދެ ވަނަ ޓީމުގެ ގޮތުގައި، ކުލަބް އެމްސީއެލްޕީ ދެ ވަނަ ބުރަށް

މިހާރު ހިނގަމުންދާ "އޮފީސް ލީގު 2025" ފުޓްސަލް މުބާރާތުގައި، ގްރޫޕް އެޗްގެ ދެ ވަނަ ޓީމުގެ ގޮތުގައި، ކުލަބް އެމްސީއެލްޕީ ދެ ވަނަ ބުރުން ޖާގަ ހޯދައިފިއެވެ. މި ޖާގަ ކުލަބް އެމްސީއެލްޕީން ކަށަވަރުކުރީ، ދެ ވަނަ ބުރަށް ދަތުރުކުރުމަށް ކުލަބް އެމްސީއެލްޕީއަށް ލިބުނު ފަހު ފުރުޞަތުގައި، ރޭ މޯލްޑިވްސް އިސްލާމިކް ބޭންކުގެ ޓީމުގެ މައްޗަށް 2-1 އިން ކުރި ހޯދައިގެންނެވެ.

ސަޕޯޓަރުންގެ ވުވްޒެލާއާއި، ޑްރަމްގެ އަޑު މެދު ނުކެނޑި އިވެމުން ދިޔަ، މި މެޗު 2 ލަނޑުގެ ލީޑެއްގައި ކުލަބް އެމްސީއެލްޕީ އޮވެ ނިމެމުން ދަނިކޮށް، ލިބުނު ފުރުޞަތުގެ ބޭނުން ހިފައި އެމްއައިބީން ވަނީ 0 ކަނޑާފައެވެ. ރޭގެ މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމްސީއެލްޕީގެ ޖަރޒީ ނަންބަރ 12، ޢަލީ ރިޒާއެވެ.

ކުލަބް އެމްސީއެލްޕީ ނުވަތަ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްގެ ރެކްރިއޭޝަން ކުލަބަކީ ޢުމުރުން އަހަރުވެސް ފުރިހަމަނުވާ ކުލަބެކެވެ. އަދި މިއީ ކުލަބް ވުޖޫދުވުމަށް ފަހު، މުބާރާތެއްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. ފުރަތަމަ މުބާރާތުން ގަދަ ޓީމުގެ ތެރެއަށް ވަނުމަށް ލިބުނު މި ފުރުޞަތުގެ ބޭނުން އެންމެ ފައިދާ ހުރި ގޮތުގައި ހިފުމަށް ކުލަބާއި އަދި ޓީމް އޮތީ ތައްޔާރަށެވެ.

ނަމޫނާ ޓީމެއްގެ ގޮތުގައި، މުބާރާތުގައި ތަމްސީލުކުރަމުން އަންނަ ކުލަބް އެމްސީއެލްޕީއަށް ލިބޭ އެންމެ ބޮޑު އެއް ހިތްވަރަކީ ނުވަތަ ސަޕޯޓަކީ އަބަދުވެސް ގާތުގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ހުންނެވުމެވެ. އަދި ފަހުވަގުތާ ޖެހެންދެން މިނިސްޓަރ ދެއްވަމުން އަންނަ ހިތްވަރުފުޅެވެ.

މުބާރާތުގެ ކުރިއަށް މެޗުގައި ވެސް ދަނޑުބޭރުން ސަޕޯޓަރުން އިއްވާ ސަޕޯޓަކަށް ފަނޑުކަމެއް ނާންނާނެއެވެ. ސަޕޯޓަރުން ތިބީ، އެ ރޫޙުގައެވެ. ޓީމުގެ 6 ވަނަ ކުޅުންތެރިޔާގެ ގޮތުގައި ކުޅެ، މުބާރާތް ކާމިޔާބުކުރުމަށް ތައްޔާރަށެވެ.