ހދ އަތޮޅު ތައުުލީމީ މަރުކަޒުގެ 164 ދަރިވަރުން ތެލެސީމިއާ އަށް ސްކްރީންކޮށްފި
ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން ތެލެސީމިއާ އަށް ސްކްރީން ކުރުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އެ ސްކޫލުގެ 164 ދަރިވަރަކު ވަނީ ތެލެސީމިއާ އަށް ސްކްރީންކޮށްފައެވެ.މިއީ މެޑިކަލް ލެބޯރަޓަރީ ޕްރޮފެޝަނަލްސް ހަފްތާ ފާހަގަކުރުމަށް އެ ހޮސްޕިޓަލުން ކުރިއަށް ގެންދިޔަ ހަަރަކާތެކެވެ.
ތެލެސީމިއާ ފަރުވާގެ ކަންކަން ހަރުދަނާކުރުމަށް ސަރުކާރުން މިދިޔަ އަހަރު ކެބިނެޓުން ނިންމި ނިންމުމަކާއި ގުޅިގެން ސްކޫލްކުދިން ސްކްރީން ކުރަން ވަނީ ފަށާފައެވެ.
މިދިޔަ އަހަރުވެސް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން އެ ސްކޫލްގައި ސްކްރީންގެ ހަރަކާތެއް ހިންގިއެވެ. އެފަހަރު 45 ދަރިވަރަކު ސްކްރީން ކުރިއެވެ.
މިދިޔަ އަހަރު ސަރުކާރުން 14 ޕޭޝެންޓުން ބޯންމެރޯ ހަދަން ރާއްޖެއިން ބޭރަށް ފޮނުވިއެވެ. މިއަހަރު މިހާރު ތިން ޕޭޝެންޓުން ވަނީ ފުރާފައެވެ. ސަރުކާރުން ނިންމާފައިވަނީ ކޮންމެ އަހަރަކު މަދުވެގެން 10 ކުއްޖަކު ބޯންމެރޯ ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވުމަށެވެ.