ދަނޑުވެރިކަން ކުރިއެރުވުމަށް ބޭރުގެ ޖަމާޢަތްތަކާއިއެކު ކުރެވޭ މަސައްކަތްތައް
ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތް އިތުރަށް ކުރިއެރުވުމަށްޓަކައި މި ވުޒާރާއިން ކުރަމުންއަންނަ މަސައްކަތްތަކުގެ ތެރެއިން ސިޗުއާން ޕްރޮވިންސްގެ ދަނޑުވެރިކަމާއި ގްރާމީއް ކަންކަމުގެ ޑިޕާޓްމަންޓް އަދި ސިޗުއާން އެކެޑަމީ އޮފް އެގްރިކަލްޗަރަލް ސައިންސަސްގެ ވަފުދަކާ، މި ވުޒާރާގެ އިސް ބޭފުޅުން ބައްދަލުކޮށް، ދަނޑުވެރިކަމުގެ އެއްބާރުލުން ހަރުދަނާކުރުމާ ބެހޭ އެއްބަސްވުމުގެ (އެމް.އޯ.ޔޫ) ތަންފީޒުކުރުމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކޮށް، ހިޔާލު ބަދަލު ކޮށްފިއެވެ..
2024 ވަނަ އަހަރު ދިވެހި ސަރުކާރާއި، ސިޗުއާން ޕްރޮވިންސްގެ ދަނޑުވެރިކަމާއި ގްރާމީއް ކަންކަމުގެ ޑިޕާޓްމަންޓް އަދި ސިޗުއާން އެކެޑަމީ އޮފް އެގްރިކަލްޗަރަލް ސައިންސަސްއާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ މަޤްޞަދަކީ ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާގެ ކުރިއެރުމާއި ތަރައްޤީއަށް އެހީތެރިވެދިނުމެވެ.
އެ އެއްބަސްވުމުގެ ދަށުން ކުރެވިފައިވާ މަސައްކަތްތައް ދެނެގަނެވި، އެކަންކަން މި ބައްދަލުގައި ހިއްސާކުރިއެވެ. އަދި ޚާއްޞަކޮށް ދަނޑުވެރިކަމުގެ އައު އީޖާދުތަކާއި، ފަންނީ އެހީތެރިކަމާއި، ޤާބިލުކަން އިތުރުކުރުމާއި، ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ އުސޫލުތަކާ ގުޅޭ ދާއިރާތަކުން އިތުރަށް އެއްބާރުލުން ދެވިދާނެ ގޮތްތަކާ ބެހޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާކުރިއެވެ.