133ވަނަ ސިފައިންގެ ދުވަހުގެ ރަސްމީ ޖަލްސާ ބާއްވައިފި
133ވަނަ ސިފައިންގެ ދުވަހުގެ ރަސްމީ ޖަލްސާ ބާއްވައިފިއެވެ.
ކަޅުތުއްކަލާކޮށި ހެވިކަމުގެ މައިދާނުގައި ބޭއްވި މި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ވަނީ ސިފައިންނާ މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. މީގެއިތުރުން، ދިފާޢީ ވަޒީރު އޮނަރަބަލް މުޙައްމަދު ޣައްސާން މައުމޫންއާއި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވެސް ސިފައިންނާ މުޚާތަބު ކުރައްވާ ވާހަކަފުޅު ދެއްކެވިއެވެ.
މި ޖަލްސާގައި، ސިފައިންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ މެޑެލި ހައްގުވާ 49 ފަރާތަކަށް ވަނީ މެޑެލި ހަވާލުކޮށްދެއްވާފައެވެ. އަދި ފާއިތުވި އަހަރު ސިފައިންގެ ތެރެއިން އެންމެ ހަށިހެޔޮ އަންހެން އަދި ފިރިހެން ސިފައިންގެ މީހާއާއި އެންމެ ފިޓް ޔުނިޓް އިޢުލާނުކޮށް އެ ފަރާތްތަކަށް ވަނީ ފިލާ ހަވާލުކޮށްދެއްވާފައެވެ. އެގޮތުން އެންމެ ހަށިހެޔޮ އަންހެން ސިފައިންގެ މީހަކަށް ހޮވިފައިވަނީ ކްއާޓަރ މާސްޓަރ ސަރވިސް ގެ ކޯޕްރަލް ޢައިޝަތު ނާޒްނީން އެވެ. އެންމެ ހަށިހެޔޮ ފިރިހެން ސިފައިންގެ މީހަކަށް ހޮވިފައިވަނީ މެރިން ޑިޕްލޯއިމެންޓް ޔުނިޓް 3 ގެ ސްޓާފް ސާޖަންޓް ޙުސެއިން ފަޟީލް ހާރޫން އެވެ. އެންމެ ފިޓެސްޓް ޔުނިޓަކީ ސްޕެޝަލް ފޯސަސް އެވެ. އަދި މީގެއިތުރުން ޕާކިސްތާނުގައި ބޭއްވި ބައިނަލްއަގުވާމީ މުބާރާތެއް ކަމުގައިވާ ޕެޓްސް (ޕާކިސްތާން އާމީ ޓީމް ސްޕްރިޓް) މުބާރާތުގައި، ސްޕެޝަލް ފޯސަސްގެ ޓީމެއް ވާދަކޮށް ރިހި މެޑެލި ހާސިލުކޮށްފައިވާތީ އެކަމުގެ އަގުވަޒަންކުރުމުގެގޮތުން ވަނީ ފިލާ ހަވާލުކޮށްދެއްވާފައެވެ. މިފަރާތްތަކަށް ފިލާ ހަވާލުކޮށްދެއްވީ، ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒުއެވެ.
އަދިހަމަ މި ޖަލްސާގެ ހަވާސާގައި، މި މަހުގެ ތެރޭގައި ދަސްވެނިވުނު ސިފައިންގެ 71ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުންނަށް ސިފައިންގެ ހުވާ ލައިދެއްވުމާއި ބަޑި ހަވާލުކުރުން ވެސް ވަނީ ބާއްވާފައެވެ. ދަރިވަރުންނަށް ހުވާ ލައިދެއްވީ، ހައިކޯޓުގެ ފަނޑިޔާރު، އަލްއުސްތާޛު މުޙައްމަދު ނިޔާޒްއެވެ. ބަޑި ހަވާލުކޮށްދެއްވީ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒުއެވެ. އަދި ސިފައިންގެ މީހުންނަށް ބަޑިހަވާލުކުރާ އިރު އަންގާ އެންގުން އިއްވައިދެއްވީ، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘްއެވެ. 71ވަނަ އަސާސީ ތަމްރީނު ކޯހުން ދަސްވެނިވެ، ހުވާކޮށްފައިވަނީ 115 ދަރިވަރުންނެވެ. މީގެ ތެރޭގައި 10 އަންހެން ސިފައިންނާއި 105 ފިރިހެން ސިފައިން ހިމެނެއެވެ.
133ވަނަ ސިފައިންގެ ދުވަހުގެ މި ޖަލްސާގައި، "ހަށިހެޔޮކަމުގެ ކުލަ" މިނަމުގައި އައު ޝަރަފުގެ ނިޝާނެއް ވެސް ވަނީ ތަޢާރަފުކުރައްވާފައެވެ. މި ޝަރަފުގެ ނިޝާނަކީ ހަށިހެޔޮކަމުގެ އަސާސީ މިންގަނޑުގެ އެންމެ މަތީ ފެންވަރުގައި ދަމަހައްޓާ ސިފައިންނަށް ދެވޭ ޝަރަފުގެ ނިޝާނެކެވެ. މިއީ ސިފައިންގެ ތެރޭގައި ހަށިހެޔޮކަމުގެ ފެންވަރު މަތީ ދަރަޖާގައި ހިފެހެއްޓުމަށް ހިތްވަރު ދިނުމަށާއި ހަށިހެޔޮކަމުގެ ފެންވަރު މަތީ ދަރަޖާގައި ހިފަހައްޓާ ސިފައިންގެ ހިތްވަރުގަދަ މަސައްކަތް ފާހަގަކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމެކެވެ. އަަލަށް ތަޢާރަފުކުރެއްވި (ހަށިހެޔޮކަމުގެ ކުލަ) ޝަރަފުގެ ނިޝާން އިފުތިތާހުކޮށްދެއްވީ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މިޖަލްސާގައި އާޓްސް އެންޑް ސެރޮމޯނިއަލް ސަރވިސް ގެ ފަރާތުން މުނިފޫހި ފިލުވުމުގެ އައިޓަމެއް ވަނީ ހުށަހަޅާ ދީފައެވެ. 133 ވަނަ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާ ނިމިގެން ދިޔައީ ކުރެވުުނު ޚާއްޞަ ދުޢާއަށް ފަހު ސިފައިންގެ ލަވަ ކިޔުމަށް ފަހުގައެވެ. އިސްވެ ދުޢާ ދެންނެވީ ވޮރަންޓް އޮފިސަރ 2 މުޙައްމަދު އަސްލަމްއެވެ.
މި ޖަލްސާގައި ދައުލަތުގެ ވަޒީރުންނާއި، ޢިއްޒަތްތެރިންގެ އިތުރުން އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި، ސާރޖަންޓް މޭޖަރ އޮފް އެމްއެން ޑީއެފް އާއި، އޮފިސަރުންނާއި، ވޮރަންޓް އޮފިސަރުންނާއި އަދި ގިނަ ޢަދަދެއްގެ އެންލިސްޓެޑް ސިފައިން ބައިވެރިވެރިވެލެއްވިއެވެ.