އަލަގަހަށްޖެހޭ ބަލިތަކުގެ ތެރެއިން، ޓާރޯ ލީފް ބްލައިޓް
ޓަރޯ ލީފް ބްލައިޓް އަކީ ފައިޓޮޕްތޮރާ ކޮލޮކޭސިއާ ކިޔާ ފަންގަސްއަކުން އަލަގަހަށް ޖެހޭ ފަންގަސް ބައްޔެކެވެ. ބޯކޮށް ވާރޭވެހުމާއި ތެތްބޮޑުވުމުގެ ސަބަބުން މި ބަލި ވަރަށް ބާރަށް ފެތުރެއެވެ. މިގޮތުން މުޅިއަހަރުތެރޭ އެކިދުވަސްވަރު އެކި މިންވަރަށް ފެތުރެމުންދެއެވެ.
ބަލީގެ އަލާމާތް:
މި ބަލީގެ ފުރަތަމަ ނިޝާނަކީ ވަށްބުރަކަށް ހުންނަ ލައްޖެހުމެވެ. މިލައްތައް ފަތުގެ މަތީފަރާތުން ފެންނާނީ މުށިކުލައިގައެވެ. ދަށްފަރާތުން ފެންނާނީ ފެންފޮޅެއް ފަދައިންނެވެ. ބަލި ފުރަތަމަ ފެށެނީ ފަތުގައި ފެންތިކިތައް ހަރުލާފައި ހުންނަ ތަންތަނުންނެވެ. ދެން މި ފަންގަސް ސްޕޯރސް ގިނަވެ ލައްތައް ތަފާތު ބައްޓަމަށް ބޮޑެތިވަމުން ދެއެވެ. އޭރުން ލައްތައް ފެންނަން ހުންނާނީ މުށިކުލައިގައި ލައް ވަށައިގެން ރީނދޫކުލައިގެ ބޯޑަރެއް ލެވިފައެވެ. ދެން މި ލައްތައް އެކުވެ ބޮޑެތިވަމުންގޮސް ވަރަށް އަވަހަށް ފަތުގެ ބޮޑުބަޔަކަށް ފެތުރި ފަތް މުޅިންހެން ހަލާކުވެއެވެ. މި ބަލިޖައްސާ ފަންގަސް ގިނަވެ އާލާވަމުންދިއުމުގެ ސަބަބުން އުފެދޭ ހަނި ހުދު ކުލައިގެ ބޯޑަރެއް ލައް ވަށައިގެން ފެންނަން ހުންނާނެއެވެ. ސާފުކޮށް ފެންނާނީ ވަރަށް ހެނދުނުގެ ވަގުތުގައެވެ. ލައްތަކުގެ މެދުން ރީނދޫ ރަތްކުލައަކަށްދާ ފެންތިކިކަހަލަ ދިޔާ ތިކިތަކެއް ލައްތަކުގެ މެދުތެރެއިން ފާޅުވާނެއެވެ. ދެން މިތިކިތައް ހިކުމުން ކަޅު މުށިކުލައަށް ބަދަލުވެ ހަރުވާނެއެވެ. އަލަ ކެނޑުމަށްފަހު މި ބަލީގެ ސަބަބުން އަލަ ފާވާނެއެވެ. ފާވެފައި ހުންނަތަން ފަސޭހައިން ފެންނާނީ އަލަގަނޑު ބުރިކޮށްލުމުންނުވަތަ ފަޅާލުމުންނެވެ.
ލިބޭ ގެއްލުން؛
ފަތުގައި ޖަހާ ލައްތައް އެކުވެ ބޮޑެތިވަމުންގޮސް ވަރަށް އަވަހަށް ފަތުގެ ބޮޑުބަޔަކަށް ފެތުރި ފަތްތައް ހަލާކުވެ ފަތުގެ ޢަދަދު މަދުވެއެވެ. މިގޮތުން ހަލާކުނުވެ 40 ދުވަހަށް ހުންނަންޖެހޭ ފަތެއް 20 ދުވަހުގެ ތެރޭގައި ހަލާކުވެއެވެ. މި ބަލީގެ ސަބަބުން އަލަގަނޑު ކުދި ވުމާއެކު، ގާތްގަނޑަކަށް އުފެއްދުންތެރިކަމުގެ %40 ދަށްވެއެވެ. އަދި އަލަ ކެނޑުމަށްފަހު އަލަގަނޑު ހަރުވެ މުށިކުލައިގެ ލައްޖަހާ 10-7 ދުވަހުގެ ތެރޭގައި އަލަގަނޑު މުޅިން ފާވެއެވެ. ފާވެފައި ހުންނަތަން ފަސޭހައިން ރަނގަޅަށް ފެންނާނީ އަލަގަނޑު ބުރިކޮށްލުމުން ނުވަތަ ފަޅާލުމުންނެވެ.
ބަލިފެތުރޭގޮތް:
މި ބަލި ފަތުގެ އެކި ހިސާބަށާއި އެހެން އަލަ ގަސްގަހަށް ފެތުރެނީ ވަޔާއި، ވާރޭފެން ތިކިތަކުންނާއި، ފަތިހުގެ ފިނިން އުފެދޭ ފެންތިކިތަކުންނެވެ. މި ފަންގަސްއަށް ބޭނުންވާ ޓެންޕަރޭޗަރ އާއި ވައިގެ ތެތްކަން ފުރިހަމަވެފައިވާނަމަ ބަލި ފެތުރޭލެއް އަވަސްވެއެވެ. މި ފަންގަސް އަލަ ކެނޑުމަށްފަހު އަލަނިރުތަކުގެ ކުރީގެ ފަތްތަކުގައި އެންމެ މަދުވެގެން 3 ހަފުތާވަންދެން ދިރިއުޅެއެވެ. އެހެންކަމުން މި ނިރުތައް އިންދުމުން ވެސް އަލަދަނޑަށް މި ބަލި ފެތުރެއެވެ. މިނިރުތައް 3 ހަފުތާގެ ތެރޭގައި އިންދުމަށްފަހު ފެނުގެ ޒަރީޢާއިން ފަތުގައި ހުންނަ ސްޕޯސް (ކުނޑިތަކެއް) ބިމަށްފޭބުމުން އަލަގަނޑުގައި މި ބަލި އަށަގަނެއެވެ. ދެން އަލަކެނޑުމަށްފަހު އަލަގަނޑު ފީވެ ހަލާކުވެއެވެ.
ބަލީގެ އަސަރު ގަހަށްފޯރާގޮތް
އަލަގަހުގެ ސިއްޙަތު ރަނގަޅު ފަތްތައް 40 އަކަށް ދުވަސް ވަންދެން ހަލާކުނުވެ ނުވަތަ މަރުނުވެ ހުރެދާނެއެވެ. ނަމަވެސް ބަލިޖެހިފައިވާ ފަތްތައް މުޅިން ހަލާކުވުމަށް 20 – 10 ދުވަހުގެ މުއްދަތެއް ނަގައެވެ. ނިރުތަކުގެ ފަތް ކަނޑާނުލައި، ބަލިޖެހިފައިވާ ނިރުތަކުގެ ކައިރީގައި ނުއިންދާށެވެ. ބަލިއުޅޭ ދަނޑުގައި ފަތާއެކު ނިރު އިންދުމުން ނިރުގައި ހުރި ފަތްތަކަކީ އަލަށްފޮޅޭ ފަތްތަކަށް ބަލި ފެތުރުމުގެ ވަސީލަތަކަށް ވެއެވެ.
ކޮންޓްރޯލްކުރުން:
- ބަލި ނުޖެހޭ ނުވަތަ ޖެހުނަސް ބޮޑުވަރު ނުވެ ހުރި ގަސްތަކުން ނިރު އިންދައި އާލާ ކުރުން.
- ހަފުތާކު އެއްފަހަރު އަލުން އިންދާފައިވާ ނިރުތަކުން ބަލީގެ އަސަރު ފެނޭތޯބަލާ ބަލިޖެހިފައިވާ ފަތެއް ފެނިއްޖެނަމަ އެފަތް ކަނޑާ އަންދާލުން. އާދަކޮށް މިކަން ކުރިއަށް ގެންދިއުމަކީ ވަރަށް މުހިންމު ކަމެކެވެ. މިގޮތަށް ކަންތައްކުރުމުން ބަލި ފެތުރުމަށް ވަރަށް ބޮޑަށް ހުރަސް އެޅޭނެއެވެ.
- ބަލިޖެހިފައިވާ ގަސްތަކުގެ ވައިދަށްފަރާތުގައި އަލަގަސް ނުއިންދުން
- އިންދާނިރުތަކުގައި ފަތް ނުބެހެއްޓުން
- ބޮޑަށް ބަލިޖެހިފައިވާ ގަސްގަހުން ވެސް ބޮޑުވަރުވެފައިވާ ފަތްތައް ކަނޑާ މިފަތްތައް އެންދުން
- ފަތްތައް ކަނޑާފައި ދަނޑުތެރެއަށް ނޭޅުން
- ބޮޑަށް ބަލިޖެހިފައިވާ ގަސްގަހުން ފަތްކެނޑުމަށްފަހު ފަތްކަނޑަން ބޭނުންކުރި ވަޅި ނުވަތަ ކަތުރު ރަނގަޅަށް ސާފުނުކޮށް އަލަށް އިންދާފައިވާ ގަސްގަހަށް ބޭނުން ނުކުރުން.
- ބޮޑަށް ބަލިޖެހިފައިވާ ގަސްތަކުގެތެރޭގައި މަސައްކަތެއް ކުރަންވާނީ ބަލިނުޖެހޭ ނުވަތަ ބަލި މަދު ގަސްތަކުގެ ތެރޭގައި ކުރަންޖެހޭ މަސައްކަތް ނިންމުމަށްފަހުގައެވެ.
- އެއްދަނޑުން އަނެއްދަނޑަށް، އެއް އަވަށުން އަނެއް އަވަށަށް އަދި އެއް ރަށުން އަނެއް ރަށަށް ގަސް ގެންދިއުމުގައި ސަމާލުވުން.
- ގަސްތައް މާ ގާތްގާތުގައި ނުއިންދުން.
ބޭނޫންކުރެވިދާނެ ބަޔޯޕެސްޓިސައިޑެއް: ބޭކިންސޮޑާ ތެޔޮ ބޭސް