logo
banner image

ސަބުދެއްޔަކީ އަހަރެމެންގެ ތެރޭގައި މިހާރު ޑިމާންޑް ބޮޑު މޭވާއެއް ނޫންނަމަވެސް، އިހުގައި އަހަރެމެންގެ ކާބަފައިން ކައި އުޅުނު އަހަރެމެންގެ ދަނޑު ތަކުގައި ފަސޭހައިން ހެއްދިދާނެ އަދި އަވަހަށް މޭވާ ލިބޭ ގަހެކެވެ. އަދި ސަބުދެއްޔަކީ ސިއްޙީ ގޮތުން ގިނަ ފައިދާތަކެއް އެކުލެވިގެންވާ މީރު މޭވާ އެކެވެ. މި ގޮތުން ސަބުދެލިން ވިޓަމިން އޭ، ވިޓަމިން ސީ، ފައިބަރ، ލިއްބައިދޭއިރު މިއީ ނިއުޓްރިޝަން އެކުލެވިގެންވާ މޭވާއެކެވެ. އަދި އެެިން އެކި ބާވަތްތަކުގެ ބުއިންތަކާއި ކާތަކެތި ތައްޔާރުކޮށްލެބިދާނެ އެއްޗެކެވެ. އެހެންކަމުން މި ހަފްތާގެ ގަހުގެ ގޮތުގައި މި ހިމަނާލަނީ ސަބުދެލި ގަހާއިބެހޭ މައުލޫމާތެވެ.

ސަބުދެއްޔަކީ ފަރުވާތެރިކަމާއެކު ބަލަހައްޓައިގެން ހެއްދޭ ގަހެކެވެ. ސަބުދެލި ރަނގަޅަށް ހެދޭނީ ކަޅުފަސްހުންނަ ފުން ބިންބިމުގައެވެ. ސަބުދެލިގަސް ގިނަކުރަނީ އޮށްއިންދައިގެން ނުވަތަ ގޮފި ގްރާފްޓްކޮށް (ގޮފިގުޅުވައިގެން) ގެންނެވެ. އޮށްއިންދައިގެން ހައްދާގަހުގައި މޭވާ އަޅާނީ 7-10 އަހަރު ތެރޭގައެވެ. ގްރާފްޓްކޮށްގެން ގަސްހެއްދުމުން 3 އަހަރު ތެރޭގައި ސަބުދެލި އަޅަންފަށައެވެ.

އިންދާ ހެއްދުން

މި ގަސް މުޑުވައްކުރުމަށް އޮށްއިންދާނަމަ އެންމެ ކުރިން އިންދާނީ ނާސަރީއެއްގައެވެ. ތާޒާ މޭވާއަކުން އޮށްނަގައިގެން އިންދާނަމަ 3-4 ހަފްތާގެ ތެރޭގައި ގަސްފަޅާނެއެެވެ. ގަސްފަޅާތާ ½ 2 މަސްވުމުން ޕްލާސްޓިކް ކޮތަޅަކަށް ނުވަތަ މުށިގަނޑަކަށް ބަދަލުކުރާށެވެ.

މުށިގަނޑު / ކޮތަޅަށް ބަދަލުކުރާތާ 12-16 މަސްދުވަހުގެ ތެރޭގައި ގަސްއިންދަން ބޭނުންވާ ތަނެއްގައި ގަސްއިންދާށެވެ. މިގޮތަށް އެއްތަނުން އަނެއްތަނަށް ބަދަލުކުރާއިރު ގަސްނަގަންވާނީ ފަރުވާތެރިކަމާއެކުގައެވެ. އެހެން ނޫންނަމަ ގަހުގެ މައިމުލަށް ގެއްލުންލިބި، ގަހަށް ހެދެން އުދަނގޫވާނެއެވެ.

ގަސްއިންދާނީ ދެގަސްދޭތެރޭގައި 10 ފޫޓްހުންނަ ވަރަށެވެ. ގަސްއިންދާއިރު ފަސްގަނޑު ރަނގަޅުކުރުމަށް ކާދު ނުވަތަ ތައްޔާރީ ގަސްކާނާ އަޅަންޖެހެއެވެ. ގަސްއިންދުމަށްފަހު އެއްމަސްދުވަސް ވަންދެން ދުވާލަކު އެއްފަހަރު ގަހަށް ފެންދޭންޖެހޭނެއެވެ. ނަމަވެސް ހޫނުގަދަ މޫސުމުގައި ދުވާލަކު ދެފަހަރު ގަހަށް ފެންދޭންވާނެއެވެ. ގަސްއިންދުމަށްފަހު އެއްމަސްދުވަސް ވަންދެން ގަސްހިޔާކުރުން ބޭނުމެވެ. މީގެ އިތުރުން މި ގަހަކީ ގްރާފްޓްކޮށްގެން ނުވަތަ ގޮފީގައި ވެލި ބަދެގެންވެސް ހެއްދިދާނެ ގަހެކެވެ.

އާންމުކޮށް ޖެހޭ ބަލިތަކާއި ފަރުވާ؛

ސަބުދެއްޔަށް ޢާއްމުގޮތެއްގައި ޖެހޭ ބަލިތައް ވަރަށް މަދެވެ. އެގޮތުން އާންމުކޮސް މިގަހުން ފެންނަނީ ހުދުކޫޑިއެވެ. މިއީ ބުރަކަށިމަތި ފުށްކޮށްހުންނަ ކުދި ކޫޑިއެކެވެ. ގިނައިން މިކޫޑި އަޅާފައި ހުންނަނީ ފަތުގެ ދަށުގައާއި މޭވާގައެވެ. ގިނައިން މިއެޅުމުން ގަހުގެ ފަތްތަކާއި ތޮށިގަޑު ދޮންވެއެވެ.

ބަލި ނައްތާލުމަށް ދެވިދާނެ ފަރުވާ: ސައިބޯނިފެނުން ނުވަތަ އިންސެކްޓިސައިޑަކުން ސްޕްރޭކުރާށެވެ.