ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން ބާއްވައިފި
ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ 133 ވަނަ ސިފައިންގެ ދުވަހުގެ މުނާޞަބަތުގައި، ސިފައިންގެ މަގުމަތީ ހިނގާލުން މިއަދު ހަވީރު މާލޭގައި ބާއްވައިފިއެވެ.
މާލޭގެ ބައެއް މަގުތަކުގައި ބޭއްވި މި މަގުމަތީ ހިނގާލުން ފަށާފައިވަނީ ސިފައިންގެ މައިމަރުކަޒު، ބަންޑާރަކޮށިންނެވެ. އަދި ބަންޑާރަކޮށިން ލަޝްކަރު ނިކުމެ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކައިރިއަށް ހުއްޓުމުން، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ.މުޙައްމަދު މުޢިއްޒު ވަނީ މަގުމަތީ ހިނގާލުން ޝަރަފުވެރިކޮށްދެއްވައި، މަގުމަތީ ހިނގާލުން ބައްލަވާލައްވާފައެވެ. އެމަނިކުފާނުގެ އަރިހުގައި ދިފާޢީ ވަޒީރު، އޮނަރަބަލް މުޙައްމަދު ޣައްސާން މައުމޫންއާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްއެންޑީއެފް ބޭންޑާ އެކު ޖުމްލަ 5 ގެމަ ބައިވެރިވި މި މަގުމަތީ ހިނގާލުމުގެ ކޮމާންޑަރަކަށް ހުންނެވީ ކާނަލް އިބްރާހިމް އަޝްރަފްއެވެ. މި މަގުމަތީ ހިނގާލުމުގައި ސިފައިންގެ ދާއިރާތަކާއި ޚިދުމަތްތަކުގެ އިތުރުން، ސިފައިންގޭގައި މިހާރު ބޭނުންކުރާ ބައެއް އަސްކަރީ އުޅަނދުތަކާއި އަލަށް ގެނެސްފައިވާ އުޅަނދުތައް ވަނީ ދައްކާލާފައެވެ.
މި މަގުމަތީ ހިނގާލުމުގައި ފަސް ސަރަހައްދެއްގައި ލަޝްކަރު ވަނީ މަޑުކޮށްފައެވެ. އެގޮތުން ލަޝްކަރު ހުއްޓުނު ސަރަހައްދުތަކަކީ، އަމީރުއަޙްމަދުމަގު، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކުރިމަތި، ސޯސަންމަގު ދިވެހިބަހުގެ އެކެޑަމީ ކުރިމަތި، މަޖީދީމަގާއި ޗާންދަނީމަގު ހަތަރު އަނގޮޅި، މަޖީދީމަގު މިލިއަން ބުކްޝޮޕް ކުރިމަތި އަދި ބޮޑުތަކުރުފާނުމަގު ކަޅުތުއްކަލާކޮށި ހުޅަނގު އުތުރު ކަންމައްޗެވެ. ލަޝްކަރު ހުއްޓުނު ސަރަހައްދުތަކުގައި، ސިފައިންގެ ބޭންޑުގައި ރީތި އެކި ރާގުތައް ވަނީ ކުޅެފައެވެ.
މިއަދު ބޭއްވި މަގުމަތީ ހިނގާލުން ބަލާލުމަށް އާންމުންގެ ވަރަށް ގިނަ ބަޔަކު މަގުތަކަށް ޖަމާވިއެވެ.