ޖަޕާނުގެ އައު ސަފީރު މިނިސްޓަރ ޑރ. އަބްދުﷲ މުއްޠަލިބާ ބައްދަލުކުރައްވައިފި

ދިވެހިރާއްޖެއަށް އަލަށް ޢައްޔަންކުރެވުނު ޖަޕާނުގެ ސަފީރު އެކްސެލެންސީ މިސިސް އިޝިގާމީ ރުމިކޯ މިއަދު ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރ ޑރ. އަބްދުﷲ މުއްޠަލިބާ ބައްދަލުކުރައްވައިފިއެވެ. މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އަދި ޚާއްޞަކޮށް އިމާރާތްކުރުމާއި ބޯހިޔާވަހިކަމުގެ ދާއިރާގައި ދެ ޤައުމުގެ ދެމެދުގައި އޮތް އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ވާހަކަދެކެވުނެވެ. މިނިސްޓަރ ޑރ. މުއްޠަލިބް ވިދާޅުވީ، ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު އޮތް ގުޅުމަކީ ވަރަށް ބަދަހި ގުޅުމެއް ކަމަށާއި، އެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމަށެވެ. އަދި ޖަޕާނުގެ އައު ސަފީރަށް މަރުޙަބާ ދަންނަވައި، މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ކާމިޔާބު އެދިވަޑައިގަތެވެ.