ތެލެސީމިއާ ސެންޓަރުގެ މަސައްކަތް ޤައުމީ ކަމެއްގެ ގޮތުގައި ނިންމަން ސިފައިންނާއި ހަވާލުކޮށްފި
ތެލެސީމިއާ ސެންޓަރުގެ މަސައްކަތް ނިންމުން ޤައުމީ ކަމެއްގެ ގޮތުގައި ކުރަން ސިފައިންނާއި ހަވާލުކޮށްފިއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ''ރައްޔިތުންނާ އެކު'' މި ނަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ކުރިއަށްގެންދިޔަ ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ތެލަސީމިއާ ސެންޓަރަކީ ތެލަސީމިއާ ކުދިންނާ ވީހާވެސް ގާތްކޮށް، އޯގާތެރިކަމާއެކު ޚިދުމަތް ފޯރުކޮށްދޭތަނަކަށް ހެއްދެވުމަށް ބޭނުންފުޅުވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ “ރައްޔިތުންނާ އެކު” މި ނަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށްގެންދިޔަ ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ދާދި ފަހުން ތެލަސީމިއާ ސެންޓަރުގައި ހިނގައިދިޔަ ކަންކަމަށް އަލިއަޅުއްވާލައްވައި އެތަނުގެ ހާލަތު ބެއްލެވުމަށްފަހު ކަންކަން ރަނގަޅުކުރުމަށް އެޅުއްވުމަށް ނިންމެވި ފިޔަވަޅުތައް ހިއްސާކުރައްވާފައެވެ.
އެގޮތުން މިހާރު ތެލަސީމިއާ ސެންޓަރު ހިންގާ އިމާރާތުގައި އެކި ކަންބޮޑުވުން ހުރިކަން ފާހަގަކުރައްވައި، އެ ސެންޓަރު ބަދަލުކުރުމަށް ކަނޑައަޅާފައިވާ "އޮރެންޖް ހިޔާ" އަށް ޒިޔާރަތްކުރައްވައި އެތަން ބައްލަވާލައްވާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އަދި އެތަނުގެ މަސައްކަތުގެ، ބޮޑު ބައެއް އަދިވެސް ނުނިމޭތީއާއެކު، އަދި ކޮންޓްރެކްޓްވެސް ހަމަވާތީ މިމަހުގެ 28 ވަނަ ދުވަހުން ފެށިގެން، އެތަން ނިންމުމުގެ މަސައްކަތް، ޤައުމީ ކަމެއްގެ ގޮތުގައި ކުރިއަށްގެންދިއުމަށް ސިފައިންނާ ހަވާލުކުރައްވާފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި މަސައްކަތް ހަވާލުކުރެއްވީ 1 މަސް ދުވަހުގެ ތެރޭގައި ނިންމުމަށްކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ތެލަސީމިއާ ސެންޓަރަށް ވަޞީލަތްތައް ހަމަކުރުމަށް ނިންމަވައި، އެކަމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ރައީސް ފާހަގަކުރެއްވިއެވެ. މިގޮތުން ޓެސްޓް ކުރުމަށް ބޭނުންވާ ވަޞީލަތްތައް ހަމަކުރުމާއި، އެކަމަށް ބޭނުންވާ ބަޖެޓުގެ ކަންކަން ހަމަޖެއްސުން ހިމެނޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ފިލްޓަރުގެ މައްސަލައާއި ދެންވެސް ބެލެނިވެރިން ފާހަގަކުރެއްވި މައްސަލަތައް އެމަނިކުފާނު ވަރަށް ގާތުން ބައްލަވައި، އެކަންކަން ޙައްލުކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.