ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްފަންނު ސަރަޙައްދު ބައްލަވާލެއްވުމަށް ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްފަންނު ސަރަޙައްދު ބައްލަވާލެއްވުމަށް ވަޑައިގެންފިއެވެ. މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާއާއެކު މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބް އަދި މިނިސްޓަރ ޢާދަމް ޝަރީފް ޢުމަރު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ޒިޔާރަތުގެ މަޤްޞަދަކީ މަރާމާތުގެ މަސައްކަތްތައް ނިމި، އަލުން ހުޅުވާލެވުނު ރަސްފަންނު ސަރަޙައްދުގެ ޙާލަތު ބައްލަވާލެއްވުމާއި، ކުރިއަށް ގެންދަން ރޭވިފައިވާ އިތުރު މަސައްކަތްތަކާއި ބެހޭގޮތުން މަޢުލޫމާތު ހޯއްދެވުމެވެ.

ރަސްފަންނު ސަރަޙައްދު ވަނީ 22 ފެބްރުއަރީ 2025 ގައި މަރާމާތުގެ މަސައްކަތްތަކަށްޓަކައި ބަންދުކުރެވިފައެވެ. މި މަސައްކަތްތައް ކުރިއަށް ގެންދެވިފައިވަނީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސްގެ ބެލުމުގެ ދަށުންނެވެ. މި މަސައްކަތުގައި އެމް.ޓީ.ސީ.ސީ، ވެމްކޯ، އާރް.ޑީ.ސީ، އެމް.އެން.ޑީ.އެފް، އެޗް.ޑީ.ސީ، އަދި އެމް.ޑަބްލިއު.އެސް.ސީ ފަދަ އެކި މުއައްސަސާތަކުގެ އެހީތެރިކަން ލިބިފައިވެއެވެ. މި ހަފުތާއިން ފެށިގެން ރަސްފަންނު ސަރަޙައްދު ވަނީ އާންމުންނަށް ހުޅުވާލެވިފައެވެ. ނަމަވެސް، މި ސަރަޙައްދުގައި ކުރަންޖެހޭ އިތުރު މަރާމާތުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ރޭވިފައިކަން ފާހަގަކުރެވެއެވެ. ރަސްފަންނު ސަރަޙައްދަކީ މާލޭގެ އެންމެ ތާރީޚީ އަދި މުހިންމު ސަރަޙައްދުތަކުގެ ތެރެއިން އެއް ސަރަޙައްދެވެ. މި ސަރަޙައްދު މިހާރުގެ ހާލަތަށްވުރެ ފުރިހަމައަށް ރައްޔިތުންނަށް ބޭނުންކުރެވޭނެ ގޮތަށް ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒުފުޅުތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަން އެމަނިކުފާނުވަނީ މީގެކުރިންވެސް ފާހަގަކުރައްވާފައެވެ.
