logo
banner image

ލ. ކަލައިދޫގައި ހިންގުނު ފެނުގެ މަޝްރޫޢުގެ މަސައްކަތްތައް ނިމި، ރަށުގެ ރައްޔިތުންނަށް ފެނުގެ ޚިދުމަތް ފޯރުކޮށްދޭން ފަށައިފިއެވެ. މި މަޝްރޫޢުގެ ދަށުން ރަށުގެ 228 ގެދޮރުގައި ފެނުގެ ޚިދުމަތް ޤާއިމުކުރެވިފައިވާކަމަށް މަޝްރޫޢު ހިންގި ފަރާތުން މަޢުލޫމާތު ދީފައިވެއެވެ. މި މަޝްރޫޢުގެ މަސައްކަތްތައް ނިންމުމަށްފަހު، މިހާރު ވަނީ އޮޕަރޭޓަރާ ހަވާލުކުރެވިފައެވެ. އަދި މިހާރު ދަނީ ޑިފެކްޓްސް ލައަބިލިޓީ ޕީރިއަޑްގެ ދަށުން ޚިދުމަތް ފޯރުކޮށްދެމުންނެވެ. މި މުއްދަތުގައި މަޝްރޫޢުގެ ފެންވަރު ބަލައި، އެއްވެސް މައްސަލައެއް ދިމާވާނަމަ އެކަން ހައްލުކުރެވޭނެއެވެ. ލ. ކަލައިދޫގެ ފެނުގެ މަޝްރޫޢު ކުރިއަށް ގެންގޮސްފައިވަނީ އިންޑިއަން އެގްޒިމް ބޭންކުގެ ފައިނޭންސިންގގެ ދަށުންނެވެ. މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ އެސް.އެމް.ސީ. އިންފްރާސްޓްރަކްޗަރސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުންނެވެ.މި މަޝްރޫޢު ނިމުމާއެކު ލ. ކަލައިދޫގެ ރައްޔިތުންނަށް ސާފު ބޯފެން ލިބުމުގެ މަގު ތަނަވަސްވެގެން ދާނެކަމަށް ބެލެވެއެވެ. މިއީ ރަށުގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، ޞިއްޙަތާ ގުޅުންހުރި ގިނަ މައްސަލަތަކެއް ހައްލުވެގެންދާނެ ކަމެއްކަމަށް ރަށު ކައުންސިލުން ފާހަގަކޮށްފައިވެއެވެ.