logo
banner image

ލ. އިސްދޫގައި ކުރިއަށްގެންދެވުނު ފެނުގެ މަޝްރޫޢުގެ މަސައްކަތްތައް ނިމި، އޮޕަރޭޓަރާއި ޙަވާލުކުރެވިއްޖެއެވެ. މި މަޝްރޫޢުގެ ދަށުން މިހާރު ދަނީ ޑިފެކްޓްސް ލައަބިލިޓީ ޕީރިއަޑްގެ ދަށުން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދެމުންނެވެ. މި މަޝްރޫޢުގެ ސަބަބުން ލ. އިސްދޫގެ 245 ގެދޮރުގައި ވަނީ ފެނުގެ ޚިދުމަތް ޤާއިމުކުރެވިފައެވެ. މިއީ ރަށުގެ ގިނަ އާބާދީއަކަށް މި އަސާސީ ޚިދުމަތް ލިބިގެންދާނެ ކަމެއްކަމަށް ބެލެވެއެވެ. މި މަޝްރޫޢަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ފައިނޭންސިންގގެ ދަށުން ކުރިއަށް ގެންދެވުނު މަޝްރޫޢެކެވެ. މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ އެސް.އެމް.ސީ. އިންފްރާސްޓްރަކްޗަރސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުންނެވެ.ރާއްޖޭގެ ރަށްރަށުގައި ފެނުގެ ޚިދުމަތް ޤާއިމުކުރުމަކީ ސަރުކާރުގެ އިސް އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މި ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ގިނަ ރަށްތަކެއްގައި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް އަވަސް ކުރުމަށް އިރުޝާދު ދެއްވާފައެވެ.