އަމިއްލަ ބޭނުމަށް ދުންފަތުގެ ބާވަތްތައް އުފައްދަން ބޭނުންކުރާ ކުދި ކުދި އާލާތްތައް ގެނެވޭގޮތަށް ދުންފަތް ކޮންޓްރޯލްކުރުމާ ގުޅޭ ޤަވާޢިދު އާއްމުކޮށްފިއެވެ.
މިއަދު ގެޒެޓް ކުރެވުނު ދުންފަތް ކޮންޓްރޯލްކުރުމާ ގުޅޭ ޤަވާޢިދުގެ މަޤްޞަދަކީ ދުންފަތަކީ އެންމެ ވިހަގަދަ މާއްދާތަކުގެ ތެރޭގައި ހިމެނޭ އަދި އޭގެ ރައްކައުތެރި ވަކި މިންވަރެއް ކަނޑައެޅިފައިނުވާ ވިހައެއްކަމަށް ވެފައި، ދުންފަތުގެ ސަބަބުން ފުރާނައަށް ނުރައްކައުތެރި ބަލިތައް ޖެހޭތީ ވިހައިން މުޖުތަމަޢު ރައްކާތެރިކުރުމެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ އާންމު ގަވައިދުގައިވާ ގޮތުން، ދުންފަތުގެ ބާވަތްތައް އުފައަދަން ބޭނުންކުރާ މެޝިނާއި، އެފަދަ އެނޫންވެސް އާލާތްތައް ވިޔަފާރި އުސޫލުން ރައްޖެއަށް އެތެރެކުރުމަކީ މަނާކަމެކެވެ.
" މީގެ ތެރޭގައި ފަހަރަކު ސިގިރޭޓެއް ނުވަތަ ބިޑިއެއް ރޯލްކުރެވޭ މެނުއަލް ކުދިކުދި ޕޯޓަބަލް އާލާތްތަކެއް ނުހިމެނޭނެ" ޤަވަޢިދުގައި ވެއެވެ.
ދުންފަތުގެ ބާވަތްތައް ނުވަތަ ސިގިރޭޓް ނުވަތަ ބިޑި އުފައްދަން ބޭނުންކުރާ ރޯލްކޮށްފައި ހުންނަ ހުސް ޓިއުބް ނުވަތަ ޕައިޕް ، ފިލްޓަރާއި އެކު ނުވަތަ ފިލްޓަރާއި ނުލާވެސް ހުސްފޮށްޓާއި އެ ނޫނަސް އެ ބޭނުމަށް ބޭނުންކުރާ އާލާތްތައް ރައެޖެއަށް އެތެރެކުރުމުގެ ކުރުމުގެ ހުއްދަ ނުދެވޭނެއެވެ. ނަމަވެސް މިތަކެތީގެ އަދަދު 50 އަށް ވުރެ އިތުރުނުވާނަމަ އެތަކެތި ދޫކުރެވޭނެއެވެ.
އައު ގަވާއިދުގެ ދަށުން ދުންފަތުގެ އެއްވެސް ވިޔަފާރިއެއް ކުރާނަމަ މިނިސްޓްރީން ހުއްދަ ހޯދަންޖެހޭނއެވެ.
ދޫކުރެވޭ ތަކެތި ބޭނުންކޮށްގެން ވިޔަފާރި ބޭނުމަށް އުފައްދައިފިނަމަ، އެފަރާތްތަކަށް މިނިސްޓްރީ އޮފް ހެލްތުން ދޫކޮށްފައިވާ ލައިސަންސް ބާތިލްކުރެވޭނެއެވެ.
ރާއްޖެއަށް އެތެރެކުރާ ދުންފަތުގެ ބާވަތްތަކާއި، ރާއްޖޭގައި ވިއްކާ ދުންފަތުގެ ބާވަތްތައް ހިމެނޭ އުފެއްދުންތައް ޕެކެޓްކޮށް ލޭބަލްކޮށްފައި ހުންނަންޖެހޭނެގޮތުގެ ތަފްޞީލުވެސް މި ޤަވާއިދުގައި ހިމަނާފައިވެއެވެ. އަދި ގަވާއިދާ ޚިލާފުވާ ފަރާތްތަކާ ދޭތެރޭ އެޅޭނެ ފިޔަވަޅުތައްވެސް ވަނީ ބަޔާންކޮށްފައެވެ.
މި ޤަވާއިދުގައި ވާގޮތުން މިސްކިތްތަކާއި ސްކޫލްތަކާއި، އިޖުތިމާޢީ ތަންތަނާއި، އާންމު ޚިދުމަތްދޭ ތަންތަނާއި، އާންމު ހަރަކާތްތައް ހިންގާ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުމަކީ މަނާކަމެކެވެ. އަދި ދައުލަތުގެ އެންމެހައި އިދާރާތަކާއި، ސަރުކާރުގެ ކުންފުނިތަކާއި، ޤާނޫނީ ޝަޚްޞުތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ސަރުކާރުގެ ރަސްމީ ޒިންމާތައް އަދާކުރާ އެންމެހާ ތަންތަނާއި ގޯތިތަކާއި، އެ ތަންތަނުގެ އިމާރާތްތަކާއި އިމާރާތުން ބޭރަށް ނެރެފައި ހުންނަ ބެލްކަނި ތަކާއި އެ ތަންތަނުގެ ދޮރުމަތީގައިވެސް ދުންފަތުގެ އިސްތިއުމާލުކުރުން މަނާވާނެއެވެ.