ރިޔާސީ ބަޔާން: ދިވެހި މުޖުތަމަޢު ފަރުޟު ފަސް ނަމާދަށް އަހުލުވެރިކުރުމުގެ މަޤުސަދުގައި "ނަމާދު މަތިވެރިކުރުން" މަޝްރޫޢު ފަށަނީ
ނަމާދަކީ ހުރިހައި މުންކަރާތްތަކުން އިންސާނާ ދުރުހެލިކޮށްދޭ އަޅުކަމެއްކަމުގައި ލައްވާފައިވުމާއި އެއީ އިސްލާމް ދީނުގެ އެންމެ ހަރުދަނާ އެއް ތަނބުކަމަށް ޝަރުޢުގައި ލައްވާފައިވާތީ، ދިވެހި މުޖުތަމަޢު ފަރުޟު ފަސް ނަމާދަށް އަހުލުވެރިކުރުވުމުގެ މާތް މަޤުޞަދުގައި "ނަމާދު މަތިވެރިކުރުން" މި ނަމުގައި ވެސް މުހިންމު މަޝްރޫޢެއް މިއަހަރު ފަށާފައިވާކަން ރައީސް ވަނީ މިއަދުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ މި މަޝްރޫއުގެ އިސްތިރާޖީ ޕްލޭން އެކުލަވާލާ ލޯންޗުކޮށް މިއަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުހިއްމު އިސްކަމެއް ދީގެން މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ވުޒާރާއިން އަންނަނީ މިހާރު މަސައްކަތްކުރަމުންނެވެ.
ރިޔާސީ ބަޔާނުގައި ރައީސް އިތުރަށް ވިދާޅުވީ، ޝައްކެއްވެސް ނެތްގޮތުގައި ދުނިޔެ ދުށް އެންމެ މަތިވެރި ލީޑަރަކީ އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމް ކަމަށާއި މިއީ އިލާހީ އެންގެވުމުގެ އިތުރަށް، މުސްލިމުންނާއި ޣައިރު މުސްލިމުން ވެސް އެ މައްޗަށް އެތައް އިޢުތިރާފެއްވެ، އެތައް ފޮތެއް ލިޔެ އެ މައުޟޫޢުގައި ޝާއިޢުކުރެވިފައިވާ ސާފު ޙަޤީޤަތެއް ކަމަށެވެ. އެހެންކަމުން ލީޑަރޝިޕް ކޮލިޓީ އެންމެ ރަނގަޅަށް ހުންނަންވާނީ މުސްލިމުންގެ ކިބައިގައި ކަމަށްވުމާއެކު އިސްލާމީ ލީޑަރޝިޕް ކޮލިޓީ އުގަންނައިދީ ހޭލުންތެރިކުރުވުމަށްޓަކައި "އިސްލާމީ ލީޑަރޝިޕް މެނޭޖްމަންޓް" ޕްރޮގްރާމެއް އެކަމާގުޅުންހުރި ދާއިރާތަކާއި ޖަމިއްޔާތަކަށް އަމާޒުކޮށްގެން، މި އަހަރު ކުރިއަށް ގެންދާ ގޮތަށް ހަމަޖައްސާފައިވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.