ހަކަތައިގެ ޔަގީންކަން އިތުރުކޮށް އިމްޕޯޓްކުރާ ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަކީ ސަރުކާރުން ވަރަށް އިސްކަންދޭކަމެއް- މިނިސްޓަރ
މިއަދު ޕީ.އެސް.އެމް.އަށް މިނިސްޓަރ ދެއްވި އިންޓަރވިޔުގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ ހަކަތައިގެ ޔަގީންކަން އިތުރުކޮށް އިމްޕޯޓްކުރާ ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަކީ ސަރުކާރުން ވަރަށް އިސްކަންދޭކަމެއްކަމަށެވެ. އެހެންކަމުން ރާއްޖެއިން ލިބެންހުރި އިޔާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ހޯދައި، އެވަސީލަތްތައް ބޭނުންކުރުން އިތުރުކުރައްވަމުންގެންދަވާކަމެށެވެ. މިގޮތުން، މި ހިނގަމުންދާ ދައުރުގެ ތެރޭގައި ޤައުމަށް ބޭނުންވާ ކަރަންޓުގެ %33 އަކީ އިއާދަކުރަނިވި ހަކަތައިގެ ނިޒާމުތަކުން އުފައްދާ ކަރަންޓު ކަމުގައި ހެއްދެވުމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވަނީ ވަޢުދުވެވަޑައިގެންފައެވެ. މިހާތަނަށް ރާއްޖޭގައި 70 މެގަވޮޓުގެ އިރުގެ އަލިން ކަރަންޓު އުފައްދާ ނިޒާމު ވަނީ ޤާއިމުކޮށްފައެވެ. އެއީ ޤައުމަށް ބޭނުންވާ ކަރަންޓުގެ ގާތްގަނޑަކަށް 6 އިން ސައްތައެވެ.
ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރުން އިތުރުކުރުމަށާއި އަދި ގޭބިސީތަކުން ކަރަންޓު ބިލަށް ކުރާ ޚަރަދު ކުޑަކޮށް، އިޔާދަކުރަނިވި ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު އުފެއްދުން އިތުރުކުރުމަށް މަގޭ ސޯލާގެ ނަމުގައި ޚާއްޞަ ޕްރޮގްރާމެއް ހިންގަން ފަށާފައެވެ. އަދި މިއަދު މި ފާހަގަކުރަނީ ދެންނެވުނު ޕްރޮގްރާމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތެވެ.
ސަރުކާރުގެ އަމާޒަކީ މި ޕްރޮގްރާމުގެ ދަށުން ވީހާވެސް ގިނަ ފަރާތްތަކަށް އަމިއްލަ ގޭގައި ސޯލާ ޕީވީ ސިސްޓަމް ގާއިމުކުރެވޭނެ މަގު ފަހިކޮށްދިނުމެވެ. މިޕްރޮގްރާމުގެ ދަށުން ގޭ ގޭގެ ފުރާޅުގައި ސޯލާ ޖަހައި ނެޓްމީޓަރިންގ އުސޫލުން ކަރަންޓު ބޭނުންކުރަން ފެށުމުން ގޭބިސީތަކުން މިހާރު ކަރަންޓު ބިލަށް ހޭދަކުރާ މިންވަރު ވަރަށް ބޮޑަށް ކުޑަވެގެންދާނެއެވެ.
މި ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 750 ގޭބިސީއަށް ސޯލާ ޕީވީ ސިސްޓަމް ފޯރުކޮށްދެވޭނެއެވެ. މި ޕްރޮގްރާމު ފުޅާކޮށް އިތުރު ގޭބިސީތަކަށް އިއާދަކުރަނިވި ހަކަތައިގެ ނަފާ ލިބޭނޭ މަގުފަހިކޮށްދިނުމަށް މިޕްރޮގުރާމްގެ އިތުރު ފިޔަވަށްސެއް ކުރިއަށް ގެންދެވޭނެއެވެ.
ރާއްޖޭގެ ހަކަތައިގެ ދާއިރާ ކުރިއަރުވާ، މިފަދަ ޕްރޮގްރާމްތައް ހިންގުމުގައި ޔުޓިލިޓީ ކުންފުނިތަކާ، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ، ބޭރުގެ އެހީދޭ އެކިއެކި އިދާރާތަކާ އަދި ޕްރައިވެޓް ސެކްޓަރ އިން ދެއްވާ އެއްބާރުލުމަށް މިނިސްޓަރ ޝުކުރު އަދާކުރެއްވެވިއެވެ.