ކެނެޑާގެ ހައި ކޮމިޝަނަރު މިނިސްޓަރ ޠާރިޤް އިބްރާހީމްއާ ބައްދަލުކުރައްވައިފި
ކެނެޑާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހައި ކޮމިޝަނަރު އެރިކް ވޯލްޝް، މިއަދު ހެނދުނު މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންވަޔަރަންމަންޓް، އެންޑް އެނާރޖީ ޠާރިޤް އިބްރާހީމްއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމަކީ އިއްޒަތްތެރި ހައި ކޮމިޝަނަރު ވޯލްޝް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތެކެވެ. މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާއި، ތިމާވެށީގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވީ މި ބައްދަލުކުރެއްވުމަކީ ވަރަށް އުފާވެރި އަދި ފައިދާހުރި ބައްދަލުކުރެއްވުމެއް ކަމަށެވެ. އަދި ކެނެޑާއާއެކު އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ހައި ކޮމިޝަނަރު ވޯލްޝް ވެސް ވިދާޅުވީ ދިވެހިރާއްޖެއާއެކު އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމަށް ކެނެޑާއިން ގަސްދުކުރާ ކަމަށެވެ. ޚާއްޞަކޮށް މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ދެ ޤައުމުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށް މަސައްކަތްކުރާނެ ކަމަށް ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ފަރާތުން ވެސް އެއްބަސްވެވަޑައިގަތީ ކުރިއަށް އޮތް ތަނުގައި ދެ ޤައުމުގެ މެދުގައި އިތުރު މަޝްރޫޢުތައް ހިންގުމަށާއި، ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރުމަށެވެ.