logo
banner image

ރ އަދި ބ އަތޮޅުގައި އާރުޓީއެލްގެ ޚިދުމަތް ޖުލައި މަސް ނިމުމުގެ ކުރިން ފެށިގެންދާނެ

       ޖުލައި މަސް ނިމުމުގެ ކުރިން ރ. އަތޮޅާއި ބ. އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ޚިދުމަތް ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން  ވިދާޅުވެފައިވަނީ މިހާރު ރ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރ. އުނގޫފާރު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.

     ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، އާރްޓީއެލް ފެރީގެ ޚިދުމަތް އެންމެ ފުރަތަމަ ފެށިގެންދާނީ ރ. އަތޮޅުގައެވެ. މި ޚިދުމަތް ރ. އަތޮޅުގައި ޖޫން މަހުގެ ނިޔަލަށް ފެށޭނެ ކަމަށާއި، ބ. އަތޮޅުގައި ޖުލައި މަހުގެ ނިޔަލަށް ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި އަހަރު ނިމުމުގެ ކުރިން އާރްޓީއެލް ފެރީގެ ޚިދުމަތް ނުފެށި ހުރި ހުރިހާ ރަށެއްގައި މި ޚިދުމަތް ފެށިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

     ރ. އަދި ބ. އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް ދިނުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ޙަވާލުކުރެވިފައިވަނީ 2024 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުއެވެ. މި ވަގުތު، ރާއްޖޭގެ 9 އަތޮޅެއްގެ 81 ރަށް އާރްޓީއެލް ފެރީގެ ޚިދުމަތުން ގުޅާލެވިފައިވާ އިރު އެންމެފަހުން މި ޚިދުމަތް ފަށާފައިވަނީ ނ އަތޮޅަށެވެ. އެއީ 2024 ވަނަ އަހަރުގެ ޖުލައި މަހުގެ 25 ވަނަ ދުވަހުއެވެ.